މާލޭގެ ހަނި ގޯޅިތަކުގައި ހުރި، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ކުދިކުދި ތަންތަނުގައި ދިރިއުޅެމުންދާ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ފަށައިފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، މާލޭގެ ބައެއް ގޭގެއަށް ވަންނަން ހުންނަނީ އެކަކަށް އަރިއަކަށް ހުރެގެން ވަދެވޭހާ ހަނި ގޯޅިތަކެއް ކަމަށެވެ. އަދި އެފަދަ ތަންތަނުގައި އެއްވެސް ވަރަކަށް ވައި ދައުރުވާނެ ގޮތެއް (ވެންޓިލޭޝަނެއް) ނުހުންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަކިވަކި އާއިލާތަކުގެ ގޯތިތައް ބައިބައިވެ، ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅެން ޖެހިފައިވާ އެ އާއިލާތަކަކީ މިހާތަނަށް ސަރުކާރުން ހިންގި އެއްވެސް ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ހައްލެއް ލިބިފައި ނުވާ ފަރާތްތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަކަށް ވަދެވޭ ވަރުގެ ކުދި ހަނި ގޯޅިތައް ވެސް އެބަހުރި. އެކަމަށް އަރިއަކަށް ހުރެގެން ވަންނަން ޖެހޭ ހަނި ގޯޅިތައް ވެސް އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި. އެއްވެސް ކަހަލަ ވެންޓިލޭޝަނެއް ނެތް، އިންސާނުންނަށް އެކަށީގެންވާ ގޮތަށް ދިރިނޫޅެވޭނެ ތަންތަން ވެސް އެބަހުރި" މުއްތަލިބު ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ އެފަދަ އާއިލާތައް ވަކިވަކިން ހޯދައި، އެމީހުންގެ ހާލަތު ދެނެގަނެ ޑޮކިއުމަންޓްކޮށް، ހާއްސަ އިސްކަމެއް ދީގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވަކި އުސޫލެއްގެ ދަށުން އެޕްލައި ކުރުމުގެ ބަދަލުގައި އެތަންތަން ފާހަގަކޮށް، އެގޮތަށް ނިކަމެތިކޮށް ހުރި އާއިލާތައް ޑޮކިޔުމެންޓު ކޮށްގެން އެ އާއިލާތައް ތިބި ހާލަތުން ނެރުން" މުއްތަލިބު ވިދާޅުވިއެވެ.

ހާއްސަ އުސޫލެއްގެ ދަށުން ނޫން ގޮތަކަށް އެ އާއިލާތަކަށް ދާއިމީ ހައްލެއް ނުލިބޭނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.