އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ވުލްވްސް އަތްދަށުވެއްޖެއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ތާވަލުގެ ފުލުގައި އޮތް ވުލްވްސްއިން ސަލާމަތްވުމުގެ އުންމީދެއް ހޯދުމަށް ރޭ މުހިއްމު ތިން ޕޮއިންޓް ހޯދީ އެންމެ ފަހުވަގުތު ގޯލް ޖަހައިގެންނެވެ.

ވުލްވްސް ރޭ ހޯދި ތިން ޕޮއިންޓާއެކު 30 މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް އަދި ކުރިއަށް ޖެހިލެވެން އޮތީ ބާންލީ ދެން ކުޅޭ މެޗުން ބަލިވެއްޖެ ނަމައެވެ. ބާންލީއަށް 29 މެޗުން 19 ޕޮއިންޓް ލިބިފައިވެއެވެ.

ލިވަޕޫލް ބަލިވުމާއެކު އެޓީމުން ގަދަ ހަތަރަކަށް ކުރަމުން ދިޔަ މަސައްކަތަކަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. އެގޮތުން މިވަގުތު އެޓީމު ފަސްވަނައިގައި އޮތީ 29 މެޗުން 48 ޕޮއިންޓާއެކުގައެވެ. ހަތަރު ވަނައިގައި އެސްޓަން ވިލާ 28 މެޗުން 51 ޕޮއިންޓާއެކު އޮތް އިރު، ހަވަނައިގައި އޮތް ޗެލްސީން އަތުގައި އޮތް މެޗުން މޮޅުވެއްޖެނަމަވެސް ލިވަޕޫލް ސޮއްސައިލާނެއެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފަކީ ލިވަޕޫލަށް އުނދަގޫ ހާފެކެވެ. އެޓީމަށް އެ ހާފުގައި އުފެއްދުނީ އެންމެ ދެ ހަމަލާއެވެ. އެއީ ހޫގޯ އެކިޓީކޭއާއި ޑޮމިނިކް ޒޮބޮސްލާއީ އުފެއްދި ހަމަލާތަކެވެ.

އޭގެފަހުން ދެވަނަ ހާފު ފެށިގެން މުހައްމަދު ސަލާހަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ވުލްވްސްއިން ވަނީ 78 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެއީ ރޮޑްރީގޯ ގޮމޭޒް ޖެހި ގޯލުންނެވެ.

އެ ގޯލަށް ފަސް ވަރަކަށް މިނެޓްފަހުން ސަލާހް ލިވަޕޫލަށް އެއްވަރުކޮށްދިން ނަމަވެސް، އަންދްރޭ ވަނީ މެޗު ނިމިނިމި އޮއްވާ ގޯލް ޖަހައި، ވުލްވްސްއަށް ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.