ބ. ގޮއިދޫގައި ކެންސަރު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެކަން ދިމާވާ ސަބަބު ދެނެގަތުމަށްޓަކައި އެ ރަށުގެ ދަނޑުވެރިކަމާ ގުޅޭ ހާއްސަ ދިރާސާއެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީން ފަށައިފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ގޮއިދޫގައި ކެންސަރު ގިނަވަމުންދާތީ އާންމު ރައްޔިތަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓްރީއަށް އެ ސިޓީ ފޮނުވި ޝަހުލާ ވަޖީހު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައިވާ ގޮތުން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ގޮއިދޫން ނުވަ މީހަކަށް ވަނީ ކެންސަރު ޖެހިފައެވެ. ޝަހުލާ ތުހުމަތުކުރާ ގޮތުގައި، ރަށުގެ ދަނޑުތަކުގެ 95 ޕަސަންޓް ބިދޭސީން ބަލަހައްޓަމުންދާ އިރު، އެ ތަންތަނުގައި އިންސާނުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް "ޕެސްޓިސައިޑް" އާއި އެ ނޫންވެސް ކެމިކަލް ބޭނުންކޮށް، ކާބޯތަކެތި ދަނީ ތައައްޔަރުކުރަމުންނެވެ. މިއީ އެ ރަށުގައި ކެންސަރު އިތުރުވާ މައިގަނޑު ސަބަބު ކަމަށް އޭނާ ބުނެފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޕެސްޓިސައިޑް ބޭނުންކުރުމާ ގުޅޭ ގާނޫނެއް އޮތް ނަމަވެސް، އެ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ސިޔާސަތުތައް ހަދާފައިނުވާ ކަަމަށެވެ. މިދިޔަ މަހުން ފެށިގެން އެ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.