އިޒްރޭލާއި، އެމެރިކާ އިސްވެ އިރާނަށް ދިން ހަމަލާތަކާ ގުޅިގެން ދަތުރުތައް ހުއްޓާލި ދުބާއީ އެއާޕޯޓުން ބައެއް ދަތުރުތައް ފަށައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެމެރިކާއާއި އިޒްރޭލުން، އީރާނަށް ވައިގެ މަގުން ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އީރާނުން ވަނީ އޭގެ ރައްދުގައި އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފަށާފައެވެ. އޭގެ ތެރޭގައި ޔޫއޭއީ، ގަތަރު، ކުވޭތު، ބަހުރެއިން އަދި ސައުދީ އަރަބިއާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިމެނެއެވެ.
އެ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، އެމިރޭޓްސް އަދި ފުލައި ދުބާއީގެ ދަތުރުތައް ވެސް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.
އެމިރޭޓްސްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބައެއް ދަތުރުތައް އަލުން ފަށަން ނިންމާފައިވާ ކަމަށެވެ. ދަތުރުތައް ތަރުތީބު ކުރުމުގައި އެންމެ ކުރިން ބުކިން ހަދާފައިވާ ކަސްޓަމަރުންނަށް އިސްކަންދޭނެ ކަމަށާއި، ދަތުރު ހަމަޖެހުމުން އެކަން ކަސްޓަމަރުންނަށް އަންގާނެކަމަށް އެމިރޭޓްސްއިން ބުންޏެވެ. އަދި ދަތުރު ހަމަޖެހުނުކަން އެންގުމުގެ ކުރިން އެއާޕޯޓަށް ނުދިއުމަށް އެމިރޭޓްސްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެ އެއާލައިނުން އިތުރަށް ބުނީ، މެދުއިރުމަތީގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ފްލައިޓް ތާވަލަށް ބަދަލުތައް ގެންނާނެ ކަމަށެވެ.
ފްލައި ދުބާއީން ވެސް ވަނީ މިއަދު ބައެއް ދަތުރުތައް ފަށާފައިވާކަން އެ އެއާލައިންގެ ވެބްސައިޓުގައި ހާމަކޮށްފައެވެ. އެގޮތުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ އަދި ފުރާ ބައެއް ފްލައިޓުތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ރަޝިއާއާއި ޕާކިސްތާނަށް ކުރާ ދަތުރުތައް ހިމެނެއެވެ.
ފްލައި ދުބާއީން ބުނީ އެންމެ އިސްކަމެއް ދެނީ ފަސިންޖަރުންނާއި ކުރޫގެ ރައްކާތެރިކަމަށް ކަމަށާއި، އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނައުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ދުބާއީ އެއާޕޯޓުން ބައެއް ދަތުރުތައް ފެށި ނަމަވެސް، ރާއްޖެއަށް އެއްވެސް ފުލައިޓެއް އަދި ނާދެއެވެ.
މުހައްމަދު އިޝާން
ވައިގެ ދަތުރުތައް
ވައިގެ ދަތުރުތައް
ވައިގެ ދަތުރުތައް
ވައިގެ ދަތުރުތައް