އައު ރޫހީ ލީޑަރަކު އައްޔަން ކުރެވެންދެން އީރާނުގެ ވެެރިކަމުގެ އެންމެހައި ބާރުތައް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ވަގުތީ ކޮމިޓީއަކާ މިހާރު ވަނީ ހަވާލު ކުރެވިފައެވެ. އީރާނުގެ ވެރިކަމުގެ އެންމެ މަތީ ޒިންމާތަކާ މަތިކުރެވިފައިވާ ވަގުތީ ކޮމިޓީއެއް ނެގީ ގާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިންނެވެ. އޭގައި ބަޔާން ކުރެވިފައިވަނީ ރޫހީ ލީޑަރު އަވަހާރަވެއްޖެނަމަ އައު ލީޑަރަކު އައްޔަން ކުރެވެންދެން ގައުމުގެ ކަންކަން ހިންގުމަށް ވަގުތީ ކޮމިޓީއެއް އެކުލަވައިލަން ޖެހޭނެ ކަމުގައެވެ. މިދެންނެވި ވަގުތީ ކޮމިޓީގެ މަސައްކަތްތައް މިހާރުވަނީ ފަށައިގެންފައެވެ. މިކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ގައުމުގެވެސް ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާނެވެ.

ރިޔާސަތުންވެސް ވަނީ ކޮމިޓީގެ މަސައްކަތް ފަށައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. މި ކޮމިޓީ އާދަވެގެން ބައްދަލުކުރާއިރު ވަކިތަނެއް ހާމައެއް ނުކުރެއެވެ. ސަލާމަތީ ސަބަބުތަކަށްޓަކައެވެ. މިދިޔަ ހޮނިހިރުދުވަހުގެ ހެނދުނު ވެރިރަށް ތެހެރާނަށް ދިން ކުއްލި ހަމަލާތަކެއްގައި އެމެރިކާޔާއި އިޒްރޭލުން ވަނީ އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލައިފައެވެ. އެއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުންޏެވެ. އީރާނުގެ އައު ލީޑަރުންނާ ވާހަކަ ދައްކަން މިހިރީ ތައްޔާރަށެވެ. ޓްރަމްޕު އެބުނާ އައު ލީޑަރުންނަކީ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުން ބާވައެވެ. އެ ތިން ބޭފުޅުންނަކީ ކޮބައިކަމާއި ވަނަވަރުގެ މައްޗަށް ބަލައިލަމާހެއްޔެވެ.

އާޔަތު ﷲ އަލީރިޒާ އައުރާފީ

އުމުރުފުޅުން 67 އަހަރުވީ އައުރާފީއަކީ އީރާނުގެ ގާޑިއަން ކައުންސިލްގެ މެންބަރެކެވެ. އަދި އެކްސްޕާޓުންގެ އެސެމްބްލީގެ މެންބަރެއްވެސް މެއެވެ. ޖުމްލަ ބާރަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ގާޑިއަން ކައުންސިލްގެ ޒިންމާއަކީ އިންތިޚާބުތަކުގެ ކަންކަން ސުޕަރވައިޒް ކުރުމާއި ކޮންސްޓިޓިއުޝަނަލް ކޯޓެެއްގެ ގޮތުގައި ހަރަކާތްތެރިވުމާއި ޕާލަމެންޓުން ފާސްކުރާ ގާނޫނުތައް އެޕްރޫވް ކުރުމެވެ. އެކްސްޕާޓުންގެ އެސެމްބްލީއަކީ ރޫހީ ލީޑަރަކު އައްޔަންކުރުމާއި ވަކިކުރުމުގެ މަސްއޫލިއްޔަތާ ހަވާލު ކުރެވިފައިވާ އެސެމްބްލީއެކެވެ. ޖުމްލަ މެންބަރުންގެ އަދަދަކީ 88 އެވެ.

އައުރާފީއަކީ މިދެންނެވި ދެ މަޖިލީހުގެ ވެސް މެންބަރެކެވެ. އެކްސްޕާޓުންގެ އެސެމްބްލީގެ ނާއިބު ރައީސެވެ. މީގެއިތުރުން އީރާނުގެ އެންމެ ހުރުމަތްތެރިވެގެންވާ ސަހަރުކަމަށްވާ ގޮމްގައި އިމާމުވެ ހުކުރު ކުރައްވަނީވެސް އައުރާފީއެވެ. އީރާނުގެ ދަންނަބޭކަލުން ތަމްރީނުކުރާ ގައުމީ އިންސްޓިޓިއުޓްގެ ވެރިޔަކީވެސް އޭނާއެވެ. އަދި އޭނާއަކީ އަލީ ޚާމަނާއީއަށްފަހު ރޫހީ ލީޑަރުކަމަށް ވަޑައިގަތުމަށް ޚާމަނާއީ ރުހިވަޑައިގަންނަވާކަން ކުރީއްސުރެ އަންގަވާފައިވާ ހަތަރު ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މިކަންކަމަށް ބެލީމާ އައުރާފީއަކީ އައު ވިސްނުމެއްގެ އައު ބޭފުޅެއް ނޫންކަން އެނގެއެވެ. އޭނާއަކީ މުޅި ނިޒާމުގެ ޚާދިމެއްކަންވެސް އެނގެއެވެ.

ގުލާމް ހުސައިން މުހުސިނީ އަޒާއީ

އުމުރުފުޅުން 70 އަހަރުވީ މުހުސިނީއަކީ އީރާނުގެ ޝަރުއީ ދާއިރާގެ ވެރިޔާއެވެ. ގައުމުގެ އުއްތަމަފަނޑިޔާރެވެ. އޭގެކުރިން އީރާނުގެ ޕްރޮސިކުއުޓަރ ޖެނެރަލް ކަމާއި އިންޓެލިޖެންސާބެހޭ ވުޒާރާގެ ވަޒީރުކަންވެސް ކުރެއްވިއެވެ. އަލީ ޚާމަނާއީއަށްފަހު ރޫހީ ލީޑަރުކަމަށް ވަޑައިގަތުމަށް އޭނާ ރުހިވަޑައިގަންނަވާކަން ހާމަކުރައްވާފައިވާ ހަތަރު ބޭފުޅުންގެ ތެރޭގައިވެސް މުހުސިނީ ހިމެނިވަޑައިގަންނަވައެވެ. މުހުސިނީއަކީ ހަރުކަށި ލީޑަރުންގެ ތެރެއިންވެސް ހަރުކަށިކަން ބޮޑު ބޭފުޅެކެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން މައިތިރި ކުރުމަށް ބާރުގެ ބޭނުން ކުރުމަށް ގަދައަޅުއްވާ ބޭފުޅެކެވެ. މީގެ އިތުރަށް މުހުސިނީއަކީ އެމެރިކާއާއި ވިލާތުގެ އިއްތިހާދުން ދަތިކުރުމުގެ ފިޔަވުތައް އަޅައި ބްލެކްލިސްޓް ކޮށްފައިވާ ބޭފުޅެއްވެސްމެއެވެ. އެހެންވީމާ އޭނާއަކީ ޓްރަމްޕު އެ ހީކުރާ ޒާތުގެ އައުވިސްނުމަކާއި އައުފިކުރެއް ކުރިއަށް ނެރުއްވާނެ އައު ބޭފުޅެއް ކަމަކަށް ނުފެނެއެވެ.

ޑރ. މަސްއޫދު ޕަޒިޝްކިޔާން

އުމުރުފުޅުން 71 އަހަރުވީ ޕަޒިޝްކިޔާނަކީ މިހާރުވެސް އީރާނުގެ ރައީސެވެ. އެމަގާމަށް ވަޑައިގެންނެވީ 2024 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އޭނާއަކީ ތައުލީމާއި ތަމްރީނުގެ ގޮތުން ހިތުގެ ޑޮކްޓަރެކެވެ. އީރާނާއި އިރާގުގެ ހަނގުރާމައިގެ ދުވަސްވަރު އެއްގަމު ސިފައިންގެ ތެރޭގައިވެސް ޚިދުމަތް ކުރެއްވިއެވެ. ކުރީގެ ރައީސް މުހައްމަދު ޚާތަމީގެ ދައުރުގައި ހެލްތު މިނިސްޓަރުކަންވެސް ކުރެއްވިއެވެ. އީރާނުގެ ޕާލަމެންޓުގައި ތަބްރީޒުގެ ގޮނޑިއެއްވެސް ފުރުއްވާފައިވެއެވެ. ޑރ. ޕަޒިޝްކިޔާނަކީ ބެލެވޭގޮތުން އިސްލާހީ ފިކުރުގެ ބޭފުޅެކެވެ. ހަރުކަށިކަމަށްވުރެ މަޑުމައިތިރިކަން އިސްކުރުމަށް ބާރުއަޅުއްވާ ބޭފުޅެކެވެ. އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަަށް މަޝްވަރާކުރަން ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

އެހެން އެކަން އޮތަސް މިދިޔަ ހޮނިހިރު ދުވަހު އެމެރިކާޔާއި އިޒްރޭލުން ދޭންފެށި ހަމަލާތަކުގެ އެންމެ އިސް ރާޅުބާނީގައި ޑރ. ޕަޒިޝްކިޔާނުގެ އޮފީހާއި ގެޔަށްވެސް ވަނީ ހަމަލަދީފައެވެ. އޭނާ އަވަހާރަކޮށްލުމުގެ ނިޔަތުގައެވެ. އެހެންވީމާ އޭނާވެސް މިހާރު ހުންނެވީ ތަންކޮޅެއް ހަރުކަށި ވިސްނުންފުޅެއްގައެވެ. މިހާރު ވިދާޅުވަނީ މިހެންނެވެ. އިމާމު ޚާމަނާއީގެ މަރުގެ ބަދަލު ހިފުމަކީ އީރާނުގެ ގައުމީ ޒިންމާއެކެވެ. ބަދަލު ހިފުން އޮތީ ހަނގުރާމައިގެ މައިދާނުގައެވެ. ހަނގުރާމަ އޮތީ ކުރިއަށެވެ. ޑރ. ޕަޒިޝްކިޔާނުގެ ވާހަކަފުޅުތައް މިހެން ހުރުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެ އިޝާރާތްކުރާ އައު ލީޑަރުންނަކީ މިއީކަމަށް ބަލަން ފުރުސަތެެއް ނެތެވެ. މިތަނުގައި އެމެރިކާއާ މަޝްވަރާކުރައްވާނެ ބޭފުޅަކު ނެތެވެ. އެކަމަށް ރުހިވަޑައިގަންނަވާނެ ބޭފުޅަކުވެސް ނެތެވެ.

މަޝްވަރާކުރަން އީރާން ބޭނުންވޭތަ؟

ފެންނަފެނުމުގައި އައު މަޝްވަރާޔަކަށް އީރާން ބޭނުމެއް ނުވެއެވެ. މަޝްވަރާކުރާނެ ކަމެއް އޮތްކަމަކަށްވެސް ނުދެކެއެވެ. އެމެރިކާއިން އީރާނަށް ހަމަލަދިނީވެސް މަޝްވަރާތަކެއް ކުރިއަށްދަނިކޮށް ކަމަށްވާތީއެވެ. އެކަމަކު އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގުޗީ ވިދާޅުވި އެއްޗަކާ ގުޅިގެން އީރާނުން މަޝްވަރާޔަށް ބޭނުންވާ ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވުނީއެވެ. އައްބާސް އަރާގުޗީ ވިދާޅުވީ ހަނގުރާމަޔަށް ނިމުމެއް ގެނައުމުގެ ސީރިއަސް ނިޔަތެއް އޮތިއްޔާ އެބަޔަކާއެކު ވާހަކަ ދެއްކުމުގެ ދޮރު ހުޅުވިފައިވާ ކަމުގައެވެ. އޭނާގެ މިވިދާޅުވުން ތަފާތު ގޮތްގޮތަށް މާނަކުރެވެމުންދާތީ އީރާނުގެ ގައުމީ ސަލާމަތާބެހޭ އެންމެ އިސް ކޮމިޓީގެ ސެކްރެޓަރީ އަލީ ލަރިޖާނީ ވަނީ އެމެރިކާޔާއި އެމެރިކާގެ ބައިވެރިންނާއެކު އީރާނުން މަޝްވަރާއެއް ނުކުރާނެކަން ކަށަވަރުކޮށްދެއްވައިފައެވެ. އީރާނުގެ ކުރިމަތީގައި އޮތީ ކޮޅެއްގައި ޖެހެންދެން ހަނގުރާމަ ކުރުންކަމަށްވެސް ލަރިޖާނީ ވަނީ ވިދާޅުވެފައެވެ.