އެމެރިކާއާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ހަމަލާ ދިނުމުން ފެށިފައިވާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީ ބައެއް ގައުމުތަކުގައި ވެސް ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާތީ، ރާއްޖެއިން އުމްރާއަށް ދާ ފަރާތްތަކާއި މިހާރު މައްކާގައި ތިބި އުމްރާވެރިން ދަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ މައްކާއަށް މިހާރުގޮސްފައިވާ ފަރާތްތަކުން ހާއްސަކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ސައުދީގެ ރިޔާލުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށާއި ސައުދީގެ ޖިއްދާގައި ގާއިމުކޮށްފައިވާ ރާއްޖޭގެ ކޮންސިލުއުލޭޓް ހޮޓްލައިން ނަންބަރަށް ވީއެންމެ އަވަސް ފުރުސަތެއްގައި ގުޅުމަށެވެ.
އެމްބަސީގެ ހޮޓްލައިން ނަންބަރަކީ 966506894477+ އެވެ. ސައުދީގެ ޖިއްދާގައި ގާއިމްކޮށްފައިވާ ރާއްޖޭގެ ކޮންސިލުއުލޭޓް ހޮޓްލައިން ނަންބަރަކީ 966530838329+ އެވެ.
އުމްރާވެރީންނަށް ހާއްސަކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ހޮޓްލައިން ނަންބަރެއް ގާއިމުކުރުމުގެ މަސައްކަތްކުރިޔަށްގެންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ ނަމްބަރު ގާއިމުވުމުން އެކަން އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އުމްރާ ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ރަސްމީ ފަރާތްތަކުންނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދޭ އިރުޝާދުތަކާއި އެންގެވުންތަކަށް އުމްރާއަށްދާ އެެންމެހާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ނަސޭތަހްތެރިވަން." އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ ރާއްޖޭގެ އުމްރާވެރިންގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ