އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން މިރޭ ކުޅުނު މެޗުގައި ޗެލްސީ ކައިރިން މޮޅުވި އިރު، މެންޗެސްޓާ ޔުނައިޓެޑުން އިތުރު މޮޅަކާއެކު ތިންވަނައަށް ޖެހިލައިފިއެވެ.
އެއްވަނައިގައި އޮތް އާސެނަލަށް މިރޭގެ މެޗަކީ ޕްރެޝަރު މެޗެކެވެ. އަމިއްލަ ދަނޑުގައި ޗެލްސީ ކައިރިން 2-1 އިން މޮޅުވި އިރު، މިރޭގެ މޮޅާއެކު އާސެނަލް އެއްވަނައިގައި އޮތީ 29 މެޗުން 64 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން 28 މެޗުން 59 ޕޮއިންޓާއެކު އޮތް އިރު، އެޓީމަށް އަދިވެސް ދެ ޕޮއިންޓާ ގާތް ކުރުމަށް ފުރުސަތު އެބައޮތެވެ.
މެޗުން ބަލިވެ، އާސެނަލަށް އެއްވަނަ ގެއްލުމަށް ފުރުސަތު އޮތް ނަމަވެސް، އެޓީމުން ވަނީ ދެވަނަ ހާފުގައި މުހިއްމު ގޯލެއް ޖަހައި ތިން ޕޮއިންޓް ހޯދައިފައެވެ. ފުރަތަމަ ކޮޅުގައިވެސް އާސެނަލުން ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކޮށް، ފުރުސަތު ގެއްލުވާލި އިރު، ލީޑު ނެގީ 21 ވަނަ މިނެޓުގައެވެ.
ކޯނަރެއްގައި ޗެލްސީ އޭރިއާ ތެރެއިން ދެކުޅުންތެރިޔަކު ގައިގައި ޖެހިފައި ދިޔަ ބޯޅަ ގޯލަށް ވައްދާލީ ވިލިއަމް ސަލީބާއެވެ. އޭގެ ފަހުން ޗެލްސީން ކުރިއަށް ޖެހި ގޯލަކަށް ކުރި މަސައްކަތުގައި ހާފުގެ ފަހު މިނެޓުގައި ގޯލް ޖެހިއެވެ. އެ ގޯލަކީ ރީސް ޖޭމްސްގެ ކޯނަރެއްގައި ޕިއެރޯ ހެންކަޕިއޭ ބޮލުގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.
ދެވަނަ ހާފުގައިވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. 66 ވަނަ މިނެޓުގައި އަނެއްކާވެސް ކޯނަރެެއްގައި އާސެނަލް ލީޑު ނެގިއެވެ. ޖޫރިއަން ޓިމްބާ އޭރިއާ ތެރެއިން ބޯޅައިގައި ޖައްސާލައި އާސެނަލުން ލީޑު ނެގިތަނާ ޕެޑްރޯ ނެޓޯއަށް ރަތް ކާޑު ދެއްކިއެވެ. އެއީ ދެވަނަ ރީނދޫ ކާޑަކާއެެކުގައެވެ.
ޗެލްސީއަށް މެޗު އެއްވަރުކުރަން އުނދަގޫ ހާލަތެއްގައި ފަހުވަގުތު ނުރައްކާ ކުރި ނަމަވެސް ޑޭވިޑް ރާޔާ ވަނީ ފަހުވަގުތު މުހިއްމު ސޭވެއް ކޮށްފައެވެ.
ޔުނައިޓެޑުން އާ ކޯޗު މައިކަލް ކެރިކާއެކު ފޯމު ދަމަހައްޓަމުން އަންނަ އިރު، އެޓީމުން މިރޭ ކްރިސްޓަލް ޕެލެސް ބަލިކުރީ ފަހަތުން އަރައި 2-1 އިންނެވެ.
ޕެލެސްގެ މެކެންސޭ ލެކްރޮއިޒް ފުރަތަމަ ކޮޅުގައި ގޯލް ޖެހި އިރު، އޭނާއަށް ދެވަނަ ހާފުގައި ރަތެއްވެސް ދައްކާފައިވެއެވެ. ނަތީޖާ އަނބުރާލުމަށް 57 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒްގެ ޕެނަލްޓީއަކުން ޔުނައިޓެޑުން އެއްވަރުކުރި އިރު، ބެންޖަމިން ޝެޝްކޯގެ އިތުރު ގޯލަކުން ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގައި ގޯލްތައް ޖަހައިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު