އިސްލާމީ ދުނިޔޭގައި އާބާދީގެ ނިސްބަތުން އެންމެ ގިނަ ހާފިޒުން ތިބި ގައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ދަރިވަރުން ދަސްވެނިވުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މިރޭގެ ރަސްމިއްޔާތުގައި 31 ހާފިޒަކު ވަނީ ދަސްވެނިވެ، ސަނަދު ހާސިލުކޮށްފައި ކަމަށެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގައި މިހާރު ތިބި ހާފިޒުންގެ ޖުމުލަ އަދަދު ވަނީ 301 އަށް އަރާފައި ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި އަދަދު 500 އަށް އިތުރުކުރުން ކަމަށް ޝަހީމް ވިދާޅުވިއެވެ

."އަޅުގަނޑުމެންގެ މި ވުޒާރާގެ ދުރު ރާސްތާ އަމާޒަކީ އިސްލާމީ ދުނިޔޭގެ އެ ގައުމެއްގެ ރައްޔިތުންގެ އާބާދީގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެންމެ ހާފިޒުން ގިނަ އިސްލާމީ ގައުމަކަށް ހެދުން،" ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގުރުއާނުގެ އިލްމު ފެތުރުމަށް ދެއްވާ ހާއްސަ އަހަންމިއްޔަތުގެ ދަށުން، މިދިޔަ އަހަރު އެކަނިވެސް އެ ދާއިރާއަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހާފިޒުންނަށް ދެމުން އައި 2،000 ރުފިޔާގެ އެލަވަންސް، މިދިޔަ ޖުލައި މަހުން ފެށިގެން 4،000 ރުފިޔާއަށް ބޮޑުކުރުން ހިމެނޭކަން ޝަހީމް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަހަރުގެ ތެރޭގައި 50 ގޮފި ހުޅުވުމަށް ނިންމާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް ސިޔާސީ ހަމަޖެހުމާއި އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ލިބޭ މިފަދަ މަތިވެރި ޝަރަފުތައް ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.