ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޑިމޮކްރަސީ ހަރުދަނާކުރުމަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުން މުހިންމު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލު އިންތިހާބާއެކު ކުރިއަށްގެންދާ ދެ އިންތިހާބު އެކުގައި ބޭއްވުމާ ގުޅޭ އާންމު ވޯޓާ ގުޅޭގޮތުން ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވުމުން ރައްޔިތުންނާ ގުޅުންހުރި ވަރަށް ގިނަ ކަންތައްތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކަން ނިންމަވަނީ ރައްޔިތުން ޝާމިލުވާ ގޮތަށް ކަމަށާއި އިންތިހާބުތަކުގެ ތަފާސް ހިސާބުތަކަށް ބަލައިލާ އިރުވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވުރެ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދުތައް އިތުރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދެ އިންތިހާބު އެއްކޮށް ބޭއްވިއްޖެ ނަމަ، ރައްޔިތުންގެ ބޮޑު ބައިވެރިވުމާއެކު ކަންކަން ނިމިގެން އެދަނީ. ޑިމޮކްރަސީ ހަރުދަނާކުރަން އަޅުގަނޑުމެން ބައެއް ކަމަށްވަންޏާ، އެކަމަށް ވަރަށް ބޮޑަށް އެބަ ބާރު ލިބޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން ގާނޫނުއަސާސީން ލިބިދޭ ހައްގު އޮޅޭގޮތްވާ ކަމަށާއި ވަކިގޮތަކަށް ވަކި ކަމެއް ކުރަން ސަރުކާރުން ނޫޅޭ ކަމަށެވެ. އަދި އެ ވޯޓަކީ ކަމެއް ކުރުމަށް ރައްޔިތުން ކައިރީ އެކަމެއް ސާފުކުރަން ނަގާ ވޯޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ހުރިހާ ރަށަކަށް ވަޑައިގެންނެވީ އިންތިހާބެއް ނުވަތަ ވޯޓަކާ ދިމާކޮށް ނޫން ކަމަށާއި އެ މަނިކުފާނަކީ ކަންކަމުގައި ރައްޔިތުން ކައިރީގައި އައްސަވާ ބޭފުޅެއް ކަމަށެވެ. އަދި ހައްސާސް ކަންކަމުގައި ރައްޔިތުން ގާތުގައި އަހައިނުލާ މީގެ ކުރިން ކަންކަން ކުރަމުންދިޔަ ނަމަވެސް، އެކަން އެގޮތަށް ނުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނެވީ ވެސް ރައީސް މުއިއްޒު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް