ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ވިލަރެއާލް ބަލިކޮށްފިއެވެ.

ބާސާއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވިލަރެއާލް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ބާސާއިން އެ ނަތީޖާއާއެކު އެއްވަނައިގައި އޮތީ 26 މެޗުން 64 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 25 މެޗުން 60 ޕޮއިންޓް ލިބިފައިވާ އިރު، މިހަފުތާ ކުޅޭ މެޗުން މޮޅުވެ، އެއް ޕޮއިންޓަށް ގާތް ކުރެވޭނެއެވެ.

މެޗުގައި ލެމީން ޔަމާލް ހެޓްރިކް ހެދި އިރު، އެއީ އޭނާގެ ކެރިއަރުގައި ހެދި ފުރިހަމަ ހެޓްރިކެވެ.

މެޗުގެ ފުރަތަމަ 20 މިނެޓް ތަންކޮޅެއް ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، އޭގެ އިރުކޮޅެއްފަހުން ޔަމާލް ވަނީ ފުރަތަމަ ހަމަލާ އުފައްދައިފައެވެ. އަރިމަތިން ގޮސް ފޮނުވާލި ބޯޅަ މަތަކުރީ ވިލަރެއާލްގެ ކީޕަރު ލުއިޒް ޖޫނިއާއެވެ.

އޭގެ އަށް މިނެޓްފަހުން ފާމިން ލޮޕޭޒް ދުއްވާލި ޕާހަކުން ޔަމާލް އޭނާގެ ފުރަތަމަ ގޯލް ޖެހި އިރު، ހާފު ނިމުމުގެ ކުރިން އޭނާގެ ދެވަނަ ގޯލާއެކު ލީޑު ފުޅާވެސް ކުރިއެވެ.

ބާސާއިން މެޗު ޑޮމިނޭޓް ކުރަމުން ދަނިކޮށް، 49 ވަނަ މިނެޓުގައި ވިލަރެއާލުން ގޯލެއް ޖެހިއެވެ. އެއީ ޕަޕޭ ގޭއީ ޖެހި ގޯލެކެވެ. އެހެން ނަމަވެސް، އޭގެފަހުން ޔަމާލް ހެޓްރިކް ފުރިހަމަކޮށް، މެޗު ޔަގީންކުރިއެވެ. ބާސާއިން ނިންމާލީ ރޮބާޓް ލެވަންޑޯސްކީ ޖަހައިދިން އިތުރު ގޯލަކާވެސް އެކުގައެވެ.