"ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިވާ ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތުގައި، އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއެކު އިތުރު 11 މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައަކީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކު، މަކަރާއި ހީލަތުން ބިން ހޯދުމަށް މަސައްކަތް ކުރި މައްސަލައެއް ކަމަށާއި، މި މައްސަލައިގައި ފަޒީލްގެ މައްޗަށް ކުރަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރޭގައި ދެން ހިމެނެނީ ސ. ހިތަދޫ މަރްޔަމް ސާއީ، ޏ. ފުވައްމުލައް އީމާ ވަހީދު، އައިޝަތު މައުރޫފާ (ރސ 9044)، މުހައްމަދު އާދަމް (ހުޅުމާލެ)، އަބްދުލްމަޖީދު މާހިރު (ހއ. ދިއްދޫ)، މ. ވެސްޓްކޯސްޓް ހުސައިން ޒާހިރު ޒައިނު، އަދި މ. ފަޅުމަތީގެ އަޝްހަދު އަލީ އާއި އަހުމަދު އަލީ އެވެ.

އެ މީހުންނަށް ދައުވާކުރަނީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ ކަމަށް ދައްކައި، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދަ ހޯދުމަށް ސައްހަ ނޫން އެއްބަސްވުމަކާއި، ރަޖިސްޓްރީއެއް ހުށަހަޅާފައިވާތީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އަހުމަދު އަތީގު އަބްދުالله އާއި އަހުމަދު މާޒިންގެ މައްޗަށް ވަނީ އުފުލާފައިކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަތީގު ވަނީ ފޯމުތަކުގެ މަސައްކަތުގައި އުޅެމުން ސައްހަ ނޫން ރަޖިސްޓްރީ އާއި އެއްބަސްވުންތަކެއް ހަދާފައިކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މާޒިންގެ މައްޗަށް ކުރަނީ ބިމުގެ ހައްގުވެރިކަން އެނގޭނެ ސައްހަނޫން ލިޔުންތައް އުފެއްދި ކަމުގެ ތުހުމަތެވެ. މި ލިޔުންތައް އުފެއްދުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އަރުޝަދު އަލީގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ.

މި މައްސަލައިގައި ފަޒީލްގެ ކޮއްކޮ، އަދި އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދަށް ވެސް ތުހުމަތުތަކެއް ކުރެވުނެވެ. އޭނާގެ މައްޗަށް ކުރީ އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް އިއާދަ ނުކުރެވޭ ގޮތަށް ފޮހެލި ކަމުގެ ތުހުމަތެވެ.

ނަމަވެސް، ޕީޖީ އޮފީހުން ނިންމާފައިވަނީ އޭނާއާ ދެކޮޅަށް ދައުވާ ކުރާނެ އެކަށީގެންވާ ހެކި ނެތް ކަމަށެވެ.