އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ ޝަހީދުވެފައިވާކަމަށް އީރާނުންވެސް އެންމެ ފަހުން ވަނީ އެއްބަސްވެފައެވެ. އުމުރުފުޅުން 86 އަހަރުވީ ޚާމަނާއީ އަކީ އީރާނުގެ އެންމެ އިސް ލީޑަރެވެ. ވެެރިކަމުގެ މުޅި ނިޒާމު ބައްޓަންކުރެވި ތަރުތީބު ވެގެންވަނީ ރޫހީ ލީޑަރުގެ ވަށައިގެންނެވެ. އެހެންވީމާ ދެން ކަންތައްކުރާނީ ކޮން ގޮތަކަށްތޯ ސުވާލު އުފެދެއެވެ. ރޫހީ ލީޑަރަކު އައްޔަން ކުރުމަކީ އެކްސްޕާޓުންގެ މަޖިލީހަށް އެކަނި އޮންނަ ބާރެކެވެ. އެއީ 88 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްސަ މަޖިލީހެކެވެ. އެ މަޖިލިސް އެއްތަންވެ އައު ރޫހީ ލީޑަރަކު އައްޔަން ކުރާނީ އެކަމާމެދު ދިގު ބަހުސްތަކެއްވެސް ކުރެވިގެން ކަމަށްވާއިރު ހަގުރާމައިގެ މި ހާލަތުގައި މި މަޖިލިސް އެއްތަންވުމާމެދު ވަރަށް ޝައްކެވެ. އެކްސްޕާޓުންގެ މަޖިލީހުގެ ކުރިމަތީގައި ހަތަރު ނަމެއް މިހާރުވެސް އެބައޮތެވެ. އެއީ އަލީ ޚާމަނާއީ އަވަހާރަވުމުގެ ކުރިން މިކަހަލަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ވިސްނަވައި އޭނާ ހުށައަޅުއްވާފައިވާ ހަތަރު ނަމެވެ.
އައު ރޫހީ ލީޑަރަކަށް ވާނީ އެތަނުން ކޮންމެވެސް އެއް ނަމެކެވެ. އެނގިފައިވާ ގޮތުގައި އެއީ އަލީ އަސްގަރު ހިޖާޒީ، އަލީރިޒާ އަރާފީ، ގުލާމް ހުސައިން މުހުސިނީ އަދި ހަސަން ޚުމައިނީއެވެ. މީގެތެރެއިން ހަސަން ޚުމައިނީއަކީ އީރާނުގެ އިސްލާމީ އިންގިލާބުގެ ބާނީ އަދި ކުރީގެ ރޫހީ ލީޑަރު ރޫހު ﷲ ޚުމައިނީގެ ކާފަދަރިކަލެކެވެ. އިއްޔެ ޝަހީދުވި އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީއަކީވެސް ބައެއް މީހުންގެ ނަޒަރުގައި ކެންޑިޑޭޓެކެވެ. އެކަމަކު އަލީ ޚާމަނާއީގެ ލިސްޓުގައި އޭނާގެ ނަމެއް ނެތެވެ. ކޮންމެ ބޭފުޅަކު އައްޔަން ކުރެވުނަސް އެބޭފުޅަކު ވާނީ އެންމެ މަތީ ދަރަޖައިގެ ދަންނަ ބޭކަލަކަށެވެ. އައު ރޫހީ ލީޑަރަކު އައްޔަން ކުރެވެންދެން ގައުމު ހިންގާނީ ވަގުތީ ކޮމިޓީއަކުންނެވެ. މި ކޮމިޓީގެ ވެރިޔަކީ ގައުމުގެ ރައީސެވެ. މިހާރުވެސް މި ކޮމިޓީ އެކުލަވާލައިފިއެވެ. ވެރިޔަކީ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާނެވެ. ދެން ތިއްބެވީ ޖޫޑިޝަރީގެ ވެރިޔާއާއި ގާޑިއަން ކައުންސިލްގެ ފަރާތުން ބޭފުޅެކެވެ. ޖުމްލަ ތިން މެންބަރުންގެ ކޮމިޓީއެކެވެ. މި ކޮމިޓީގެ ތެރެއިންވެސް ރޫހީ ލީޑަރަކު ވަޑައިގެންފާނެއެވެ.
އީރާނުގެ އިސްލާމީ އިންގިލާބަށް މިވީ ޖުމްލަ 47 އަހަރެވެ. މި މުއްދަތުގެ ތެރޭގައި ރޫހީ ލީޑަރު ކަމުގައި ހުންނެވި ބޭފުޅަކު އަވަހާރަވެގެން އައު ރޫހީ ލީޑަރަކު އައްޔަންކުރަން ޖެހުނީ މިހާތަނަށް އެންމެ ފަހަރަކު އެވެ. އެއީ އީރާނުގެ ފުރަތަމަ ރޫހީ ލީޑަރު ރޫހު ﷲ ޚުމައިނީ 3 ޖޫން 1989 ގައި އަވަހާރަވެގެންނެވެ. އޭގެ އެއްދުވަސް ފަހުން ރޫހީ ލީޑަރު ކަމަށް އައްޔަން ކުރެވުނީ އަލީ ޚާމަނާއީއެވެ. އިއްޔެ އޭނާ ޝަހީދުވީ އެ މަގާމުގައި 37 އަހަރު ހޭދަކުރެއްވި ފަހުންނެވެ. ރޫހީ ލީޑަރު ކަމަށް އަލީ ޚާމަނާއީ އައްޔަން ކުރެވުނުއިރު އޭނާއަކީ ގައުމުގެ ރައީސެވެ. ރޫހީ ލީޑަރުކަމަށް އައްޔަން ކުރެވުނު ފަހުންވެސް ގާތްގަޑަނކަށް ތިންމަސް ވަންދެން ރައީސްގެ މަގާމު ފުރުއްވީވެސް އަލީ ޚާމަނާއީއެވެ. އީރާނުގައި ރައީސަކު ހުންނެވިއަސް އެއީ ރޫހީ ލީޑަރު ދައްކަވާ މަގުން ސަރުކާރު ހިންގަން ހުންނަ މީހާއެވެ. ދީނުގެ ކަންކަމާއި ސިޔާސީ ކަންކަމާއި އަސްކަރީ ކަންކަމާއި ޝަރުއީ ކަންކަމުގެ އެންމެ ފަހު ނިންމުން ނިންމާ އެންމެ ބާރުވެރި ފަރާތަކީ ރޫހީ ލީޑަރެވެ.
ރޫހީ ލީޑަރު އަލީ ޚާމަނާއީ ޝަހީދުވީ ވެރިރަށް ތެހެރާނުގައި ހުންނަ އޭނާގެ އޮފީހުގެ ތެރޭގައި އިންނަވަނިކޮށެވެ. މި އޮފީހަކީ އަލީ ޚާމަނާއީ ދިރިއުޅުއްވާ ރަސްމީ ގޭގައި ހުންނަ އޮފީހެކެވެ. އެމެރިކާޔާއި އިޒްރޭލުން އީރާނާ ދެކޮޅަށް އިއްޔެ އެންމެ ފުރަތަމަ ހަމަލާތައް ފަށައިގަތީވެސް ޚާމަނާއީގެ އޮފީހަށް ފޮނުވައިލި މިސައިލްތަކުންނެވެ. އެނގިފައިވާ ގޮތުގައި ޖުމްލަ ތިރީހަކަށް މިސައިލް ހަމައެކަނި އެ އޭރިޔާއަށްވެސް ފޮނުވައިލިއެވެ. މިތަނުގައި ޝަހީދުވީ ހަމައެކަނި ޚާމަނާއީއެއް ނޫނެވެ. އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރަކާއި ޖާސޫސީ އިދާރާގެ ވެރިޔާއާއި މިހެންގޮސް އެވަގުތު ޚާމަނާއީއާއެކު ތިއްބެވި ދޮޅަސް ސޯޅަ ބޭފުޅުން ވަނީ ޝަހީދުވެފައެވެ. އީރާނުގެ ވެރިން ތިއްބަވާ ތަންތަނާއި ކުރައްވާ ކަންކަމުގެ މައުލޫމާތު އެމެރިކާޔާއި އިޒްރޭލަށް ބަރާބަރަށް ލިބެމުންދާކަމީ އެންމެންވެސް ދަންނަ ސިއްރެކެވެ. އީރާނުގެ އަސްކަރިއްޔާގެ ތެރޭގައްޔާއި ސަރުކާރުގެ ތެރޭގައި އެމެރިކާއާއި އިޒްރޭލުގެ ޖާސޫސުން ވަރަށް ގިނަކަމީ ސާބިތުވެފައިވާ ހަގީގަތެކެވެ.
އެކަން ހުސްވި އަހަރުގެ ޖޫންމަހުގެ ތެރޭގައި ކުރެވުނު ބާރަ ދުވަހުގެ ހަގުރާމައިގެ ތެރޭގައިވެސް ވަނީ ޔަގީންވެފައެވެ. ދޭތެރެ ދޭތެރެއިން މިޒާތުގެ ޖާސޫސުން ފަޅާއަރައެވެ. ހައްޔަރު ކުރެވެއެވެ. ސަރިޔަތް ހިންގައި މަރުގެ އަދަބުވެސް ދެވެއެވެ. އެކަމަކު ހުހެއް ނުވެއެވެ. އެމެރިކާޔާއި އިޒްރޭލުން ފާރަލާކަން އެނގިވަޑައިގަތަސް އަލީ ޚާމަނާއީ ބައެއް ފަހަރު އޭނާގެ ޝެޑިއުލް ބަދަލެއް ނުކުރައްވައެވެ. އިއްޔެއަކީ އެކަހަލަ ދުވަހެކެވެ. އީރާނާ ދެކޮޅަށް އިއްޔެ ހަނގުރާމަ ފެށީ ކޮންމެހެން ދުވަހާއި ގަޑި ކުރިން ނިންމައިގެނަކުން ނޫނެވެ. ޚާމަނާއީއަށް ފާރަލަމުންގޮސް އޭނާ ހުންނެވި ތަނަށް ހަމަލަދޭން ފުރުސަތު ލިބުމާއެކު އެކަން ކުރީއެވެ. ހަނގުރާމައިގެ ފުރަތަމަ ޝޮޓަކީ މިދެންނެވި ޝޮޓެވެ. މި ހަމަލާތަކުގައި ޚާމަނާއީ އަވަހާރަވިކަމަށް އީރާން އެންމެ އިހަކަށް އެއްބަހެއް ނުވެއެވެ. ޚާމަނާއީ އަވަހާރަވެއްޖެކަމަށް އީރާނު އެއްބަސްވީ އިޒްރޭލުން އެކަން އިއުލާނުކުރިތާ އެތައް އިރަކުންނެވެ. ބައިނަލްއަގުވާމީ މީޑިއާއިން އެވާހަކަ ގޮވަމުންދާތާވެސް އެތައް އިރަކުންނެވެ.
އަލީ ޚާމަނާއީ އަވަހާރަކޮށްލުމުގެ ބޭނުމަކީ އީރާނުގެ ވެރިކަން ބަދަލު ކުރުމެވެ. ނިޒާމުވެސް ބަދަލު ކުރުމެވެ. ޚާމަނާއީ ޝަހީދުވުމަކީ ވެރިމީހާ ބަދަލުވާނެ ކަމެކެވެ. އެކަމަކު ވެރިކަމާއި އެވެރިކަމުގެ ނިޒާމު ބަދަލުވާނޭ ކަމެއް ނޫނެވެ. އެހެންވީމާ އީރާނުގެ ވެރިކަން ބަދަލުކުރުމުގައި އެމެރިކާޔާއި އިޒްރޭލަށް ކާމިޔާބު ވެއްޖެކަމަށް ނިންމަން އަދި އަވަހެވެ. އަލީ ޚާމަނާއީއަކީ ހަމައެކަނި ސިޔާސީ ލީޑަރެއް ނޫނެވެ. އެއީ ޝީއީންގެ ދީނީ ލީޑަރުވެސް މެއެވެ. އެހެންވީމާ އޭނާ ޝަހީދުކޮށްލުމުގެ އަސަރުތައް ކުޑައެއް ނުވާނެއެވެ. އިޒްރޭލާއި އެމެރިކާޔާ ދެކޮޅަށް ޝީއީ މަޒުހަބުން ޖިހާދެއް އިއުލާން ކުރުމަކީވެސް ހަމަވެދާނެ ކަމެކެވެ. މިމަގުން މިކަން ހިނގުމުގެ ފުރުސަތު އޮންނާނޭ ކަމަށް ޝީއީންގެ ބައެއް ދަންނަބޭކަލުން މާކުރީގައިވެސް ވަނީ އިންޒާރު ދެއްވައިފައެވެ. އެހެންވެއްޖެނަމަ ދެން ކަންކަން ފުރޮޅިގެންދާނެގޮތް ލަފާކުރަންވެސް ދައްޗެވެ. މިކަންކަން ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެންނާނެއެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން