މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ބައެއް ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ނުފުރި ތިބީ 1،400 އެއްހާ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި އެމެރިކާއާ އިޒްރޭލުން ގުޅިގެން އީރާނަށް ހަމަލާ ދިނުމުން އެ ގައުމުން ވަނީ މެދުއިރުމަތީގެ ގައުމުތަކުގައި ހުންނަ އެެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާ ދޭން ފަށައިފައެވެ. އެއާއެކު، މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރައިފައެވެ.

ދައުލަތުގެ މީޑިއާ، ޕީއެމްއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މިއަދު ހަވީރުއްސުރެ ވީއައިއޭގައި ނުފުރި ތިބީ، 1،400 އެއްހާ ފަތުރުވެރިން ކަމަށާއި އެއިރުން ފެށިގެން އެ ފަތުރުވެރިންނަށް އެހީތެރިވުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބައެއް ފަތުރުވެރިން އެ މީހުން އައި ގެސްޓުހައުސްއަށް ނުވަތަ ރިސޯޓަށް ފޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބައެއް ފަތުރުވެރިން ބޭނުންވަނީ ޓިކެޓު ބަދަލުކޮށްގެން އެހެން ދުވަހަކު ފުރާ ގޮތަށް މަޑުކުރަން ކަމަށެވެ.

މީގެ އިތުރުން ބައެއް ފަތުރުވެރިން ވީއައިއޭގައި މަޑުކޮށްގެން ހާލަތަށް ރިއާޔަތްކޮށް ގޮތެއް ނިންމުމަށް ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިިސްޓްރީން ވަނީ ނުފުރި ތާށިވި ފަތުރުވެރިންނަށް ބޭނުންވާ ޒަރޫރީ ކަންކަން މިނިސްޓްރީން ހަމަޖައްސައިދީފައިވާ ކަމަށާއި ހުރިހާ އެއާލައިނަކާއެކުވެސް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.