މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ފުރަން ދިއުމުގެ ކުރިން ފުލައިޓުތަކުގެ މައުލޫމާތު ސާފުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.
އިޒްރޭލާ ގުޅިގެން އެމެރިކާއިން މިއަދު އިރާނަށް ދިން ހަމަލާއާ ގުޅިގެން ބޮޑު ހަނގުރާމައެއް ވަނީ ފެށިފައެވެ. އިރާނުން ބަދަލުގައި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާދިނުމާއެކު، މެދުއިރުމަތީގެ ގައުމުތަކުގެ މަޝްރަހު ގޯސްވެ، ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
އެކަމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މެދުއިރުމަތީގެ ގައުމުތަކަށް ފުރާ ފުލައިޓުތަކެއް ކަންސަލްކުރި ނަމަވެސް، ގިނަ އަދަދެއްގެ މީހުން ފުރުމަށްޓަކައި އަދިވެސް ތިބީ އެއާޕޯޓުގައެވެ.
އެކަމާ ގުޅިގެން އެމްއޭސީއެލުން މިރޭ ނެރުނު އެންގުމެއްގައި ބުނީ މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން އެއާޕޯޓަށް ދިއުމުގެ ކުރިން، އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފުލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެދޭ ކަމަށެވެ.
ފުލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމުގެ އިތުރުން ދުރާލައި ދަތުރުގެ ކަންކަން ރޭވުމަށް ވެސް އެމްއޭސީއެލުން ވަނީ އެދިފައެވެ.
އެމްއޭސީއެލުން ބުނީ ވީއައިއޭއަށް އޮޕަރޭޓުކުރާ ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް https://www.fis.com.mv އަށް ޒިޔާރަތްކުރުމަށް އެދޭ ކަމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް