އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް އަނެއްކާވެސް އައު ހަގުރާމައެއް މިއަދު އެވަނީ ފަށައިފައެވެ. މިއީ 8 މަސް ދުވަހުގެ ތެރޭގައި މި ދެބައިމީހުން ގުޅިގެން އީރާނާ ދެކޮޅަށް ހަގުރާމަ ފެށި ދެވަނަ ފަހަރެވެ. ހުސްވި ޖޫންމަހުގެ ތެރޭގައިވެސް ބާރަ ދުވަހަށް ދެމިގެންދިޔަ ހަގުރާމައެއް ވަނީ ކޮށްފައެވެ. ކޮންމެއަކަސް މިއަދު އައު ހަގުރާމައެއް އެފެށީއެވެ. މި ހަގުރާމައިގައި ބޭނުންކުރާ ހަތިޔާރާއި ހަމަލަދޭ ތަންތަނާއި މަރުވާ މީހުންނާއި މިހެންގޮސް މިޒާތުގެ ހަގުރާމަތަކާ ގުޅުންހުރި ކަންކަމަށް ބެލުމުގެ ބަދަލުގައި އެމެރިކާޔާއި އިޒްރޭލުން މިފަހަރު ބޭނުންވެގެން އުޅެނީ ކޮންކަމެއްތޯއާއި ކުރީ ފަހަރާއި މިފަހަރު ތަފާތުވާ ކަންކަމުގެ މައްޗަށް ބަލައިލުން ވަރަށް މުހިންމެވެ. މިވަގުތު އަލި އަޅުވައިލަންޖެހޭ ދާއިރާއަކީވެސް އެއީއެވެ. ހަގުރާމައެއް ވިއްޔާ އެއްފަރާތުން އަނެއް ފަރާތަށް ހަމަލާތައް ފޮނުވަމުންދާނެއެވެ. މަރުވާ މީހުންގެ އަދަދުވެސް މައްޗަށް ދާނެއެވެ. ބަދަލުނުވެ ދެމިއޮންނާނީ ނިޔަތެވެ. މަގުސަދެވެ. ވިސްނުން ހިންގާންޖެހެނީ އެކަމުގެ މައްޗަށެވެ.
އިޒްރޭލާއި އެމެެރިކާ ގުޅިގެން އީރާނަށް ހަމަލަދިނީ އިސްވެ އީރާނުން ހަމަލަދީގެނެއް ނޫނެވެ. ކުރީފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ހަގުރާމަޔަށް އިސްވެގަތީ އިޒްރޭލާއި އެމެރިކާއިންނެވެ. ހޮނިހިރުދުވަހަކީ ޔަހޫދީން އާއްމުގޮތެއްގައި ހަގުރާމަޔަށް އަރައިގަންނަ ދުވަހެއް ނޫނެވެ. އެއީ އެމީހުންގެ މެދުގައިވެސް ހުރުމަތްތެރިވެގެންވާ ދުވަހެކެވެ. އަނެއްކޮޅުން މިއީ މުސްލިމުންގެ މާތްވެގެންވާ ރޯދަމަހެވެ. އީރާނުގެ ރައްޔިތުން އެތިބީ ރޯދައަށެވެ. މިއިން އެއްކަމަކަށްވެސް ރިއާޔަތް ކުރުމެއްނެތި އީރާނަށް ހަމަލަދިނީއެވެ. ހެނދުނުގެ ވަގުތުގައި ވެެރިރަށް ތެހެރާނާއި އިސްފަހާނާއި ގޮމްއާއި މިހެންގޮސް އެކި ސަހަރުތަކަށް ދީފައިވާ ހަމަލާތަކުގެ ގޮތާއި ބާވަތަށް ވިސްނާއިރު މަގުސަދު ހިސާބަކަށް ތިލަވެއެވެ. މަގުސަދަކީ އީރާނުގެ އެންމެމަތީ ޒައާމަތުގެ ބޭފުޅުންގެ ކަންކަން ނިންމައިލުމެވެ. މައިގަޑު ގޮތެއްގައި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ވެރިން އުޅުއްވާ އިމާރާތްތަކާއި ތަންތަނަށެވެ. ނިއުކުލިއަރ ރިއެކްޓަރެއް، މިސައިލް ފެކްޓަރީއެއްގެ ވާހަކަ އަދި ނީވެއެވެ.
ލިބެމުންދާ މައުލޫމާތަށް ރިއާޔަތް ކުރާއިރު ހަމަލާތަކުގެ އެންމެ ފުރަތަމަ ރާޅު އަމާޒުވި ތަންތަނުގެ ތެރޭގައި ރޫހީ ލީޑަރާއި ރައީސާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ތަންތަން ހިމެނެއެވެ. މީގެ އިތުރަށް ޖާސޫސީ މައުލޫމާތު އެއްކުރާ ވުޒާރާޔާއި، ދިފާއީ ވުޒާރާޔާއި، އެޓަމިކް ހަކަތަޔާބެހޭ އިދާރާޔާއި ޕާރޗިން އަސްކަރީ ވިޔުގައިގެ އިމާރާތްވެސް ހިމެނެއެވެ. އިޒްރޭލާއި އެމެެރިކާއިން މި ހަގުރާމައިގެ ފުރަތަމަ ރާޅު ފަރުމާކުރި ގޮތުން ދޭހަވާ އެއްޗަކީ އެމީހުންގެ އަމާޒަކީ އީރާނުގެ އެންމެމަތީ ޒައާމަތު ދުއްވައިލުން ކަމެވެ. އަދި މިދެންނެވި ޒައާމަތުގެ ބޭފުޅުންގެ ހިމާޔަތާ ގުޅޭ އައްޑަނަ ފޫވައްޓައިލުން ކަމެވެ. އެ ކަމުގައި މި ހަމަލާތަކުގެ ފުރަތަމަ ރާޅުން ނެރެވުނީ ކޮން ނަތީޖާއެއްކަން ސާފެއް ނޫނެވެ. ވެރިރަށް ތެހެރާނަށް އަމާޒުކުރި ރާޅުގައި މިސައިލްތައް އަމާޒުވި ތަންތަން އެއޮތީ ބަޔާން ކުރެވިފައެވެ. އީރާނުގެ ޒައާމަތަކީ މިފަހަރު ދުޝްމަނުންގެ އެއް ލަންބަރު އަމާޒެވެ. ހަގުރާމަ ފެށުމަށްފަހު އެކަން އެމެރިކާއަކުން ސިއްރެއްވެސް ނުކުރެއެވެ.
ވެރިކަން ބަދަލުުކުރުމުގެ ވާހަކަ އެދައްކަނީ ހަމަފާޅުގައެވެ. އީރާނާ ދެކޮޅަށް ހަމަލާތަކެއް ފަށައިފިކަން އިއުލާން ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްކެވި ވާހަކައިގައިވެސް އީރާނުގެ ސަރުކާރު ވައްޓައިލުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ. މީގެކުރިން މިޒާތުގެ ކަންކަން ހިންގަނީ ސިއްރުންނެވެ. ޖާސޫސީ އިދާރާ މެދުވެރިކޮށެވެ. މިފަހަރު އެކަމެއް ނެތެވެ. ހަމަ ފާޅުގައެވެ. އަމާޒަކީ ވެރިކަން ބަދަލުކުރުމޭ އެބުނަނީ ޖެހިލުންވުމެއް، ލަދުގަތުމެއް ނެތިއެވެ. ރައީސް ޓްރަމްޕު ވިދާޅުވިއެވެ. ވެރިކަން ބަދަލު ކުރުމަކީވެސް އަމާޒެކެވެ. މިސައިލްތައް ސުންނާފަތިކޮށް މިސައިލް އުފައްދާ ތަންތަނާއި އެ ޓެކްނޮލޮޖީ ފޮހެލުމަކީވެސް އަމާޒެކެވެ. ނިއުކުލިއަރ ކެރިކުޅަދާނަކަން އެއްވެސް މިންވަރަކަށް ހުއްޓަ ނުދިނުމަކީވެސް އަމާޒެކެވެ. އަދި އީރާނުގެ ކަނޑުގެ ސިފައިންގެ ބާރު އެއްކޮށް ނައްތައިލުމަކީވެސް އަމާޒެކެވެ. މިކަންކަން ހާސިލް ކުރެވެންދެން މި ހަގުރާމަ ނުހުއްޓާނެ ކަމަށް ވިދާޅުވިއެވެ.
ކޮންމެއަކަސް އެމެރިކާގެ އަމާޒު އެއޮތީ ހާމަވެފައެވެ. އަމާޒަށް ވާސިލްވެވެންދެން ހަގުރާމަ ކުރިއަށް ގެންދާނޭ ކަމަށާއި މިކަމުގައި އެމެރިކާ ސިފައިންގެ ތެރެއިން ބަޔަކު މަރުވިޔަސް ފަރުވާލެއް ނެތް ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ. ހަގުރާމައެއް ވިއްޔާ މީހުން މަރުވާނޭ ކަމަށާއި އެއީ ހަގުރާމަ ނުކުރާންޖެހޭ ސަބަބެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. ޓްރަމްޕުގެ ބަސްމަގަށް ވިސްނާއިރު އެވިދާޅުވީ މިހެންނެވެ. އީރާނުގެ ރައްޔިތުން ނުކުމެ ސަރުކާރު ވައްޓައިލަންދެން އެމެރިކާއިން މި ހަގުރާމަ ކުރިއަށް ގެންދާނަމެވެ. މިކަމުގައި އެމެރިކާ ސިފައިންގެ ތެރެއިން މަރުވަނީ ކިތައް މީހުންކަމާ ދޭތެރޭ ފިކުރު ހިންގުމެއް ނެތެވެ. ކޮންމެއަކަސް އެމެެރިކާޔާއި އިޒްރޭލުން އެނުކުތީ އިރާނުގެ ވެރިކަން ބަދަލު ކުރުމަށެވެ. ވެރިކަން އިންގިލާބު ކުރުމަށެވެ. އެކަމުގައި ކުރިލިބޭ މިންވަރެއް އެނގޭނީ ދުވަސްކޮޅަކަށް ހަގުރާމަކޮށްލުމުންނެވެ. އީރާނަކީ އާދައިގެ ބާރަކަށް ނުވާތީއެވެ.
ވެރިކަން ބަދަލު ކުރެވެންދެން ހަގުރާމަ ދަމަހައްޓާނެ ކަމަށް ޓްރަމްޕު ވިދާޅުވިޔަސް އެމެރިކާއިން އަދާކުރަންޖެހޭ އަގު ބޮޑުކަމަށްވަނީ ވިއްޔާ ހޯހޯއޭ ގޮވާފައި ބަޗަން އުޅުން ގާތެވެ. އެމެރިކާއިން ހިންގި އުދުވާނުގެ ބަދަލުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ކުވޭތާއި ބަހުރައިނާއި ގަތަރުގައިވާ އެމެރިކާ ސިފައިންގެ އަމާޒުތަކަށް އީރާނުން ރައްދު ހަމަލަ ދީފިއެވެ. އެތަންތަނަށް ގެއްލުންތަކެއް ވެއްޖެއެވެ. ބަޔަކުވެސް މަރުވެއްޖެއެވެ. އިޒްރޭލަށް އަމާޒުކޮށްވެސް އީރާނުން މިސައިލްތަކެއް ވަނީ އުދުއްސާލައިފައެވެ. ކޮންމެއަކަސް އެމެރިކާގެ ތޮބީއަތަކީ އަވަސް ނަތީޖާއެއް ނެރެވޭތޯ އުޅުމެވެ. އެކަން ނުވެއްޖެނަމަ ބަޗައިގެން ދިއުމެވެ. އީރާނުގެ ކަންކަންވެސް މިފަހަރު ދިއުން ގާތީ ހަމައެގޮތަށެވެ. އީރާނު އޮތީ މިދުވަހަށް ތައްޔާރުވެގެންނެވެ. ޒައާމަތުގެ އެންމެން މަރުވިޔަސް ޖިހާދު ކުރިއަށްދާނޭ ގޮތް އޮތީ ރާވައިފައެވެ. އެހެންވީމާ ދެންވާނެ އެއްޗެއް ދެނެގަތުމަށް އޮތީ އިންތިޒާރު ކުރުމެވެ.
ދެ ފަރާތުން އިވޭހައި އަޑުތައް ގަބޫލު ކުރާކަށްވެސް ނުވާނެއެވެ. ގިނައިން ހުންނާނީ ޕްރޮޕަގެންޑާއެވެ. ބޮޑު ވާހަކައެވެ. ޔަގީންވާ ކަމަކީ ލޮޓިއެއް ނުލިބި، ބަޔަކު މަރުނުވެ، ބޮޑު އަގެއް އަދާނުކޮށް އެމެރިކާއަކަށްވެސް މިފަހަރު ވަޗައިނުގަނެވޭނޭ ކަމެވެ. މި ހަގުރާމައިގައި ޗައިނާޔާއި ރަޝިޔާއިން ކުޅޭނެ ދައުރުވެސް އަދި އޮތީ ވަންހަނާކޮށެވެ.
އިމާދު ލަތީފު
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ