މެދުއިރުމަތީގައި ހުންނަ އެމެރިކާ ބޭސްތަކަށް އިރާނުން ހަމަލާ ދޭން ފަށައިފިއެވެ.

އެމެރިކާއާއި އިޒްރޭލު ގުޅިގެން އިރާނަށް މިއަދު ހެނދުނު ހަމަލާ ދޭން ފަށާފައިވާއިރު އިރާނުން ވަނީ ބަދަލު ހިފުމުގެ ހަމަލާތައް ދޭން ފަށާފައެވެ.

އިރާނުން އެންމެ ފުރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ އިޒްރާއީލަށެވެ. އެގޮތުން އިޒްރާއީލުގެ ބައެއް ސަރަހައްދުތަކަށް އިރާނުން ފޮނުވާލި މިސައިލުތައް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނަށް ދިން ހަމަލާގެ ބަދަލުގެ ގޮތުގައި އިރާނުން ވަނީ އެކުވެރި އަރަބި އިމާރާތަށް ވެސް ހަމަލާ ދީފައެވެ. އެގޮތުން އަބޫދާބީ އިން ގޮވުމުގެ އަޑުތަކެއް އިވިފައިވާކަމަށް ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިރާނުން ކުވައިތުގައި ހުންނަ އެމެރިކާގެ ބޭސް އަށް އަމާޒުކޮށް ހަމަލާ ދީފައިވެއެވެ. އެގޮތުން ކުވައިތުގައި ވެސް ގޮވުމުގެ އަޑުތަކެއް އިވިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ބަހްރޭނުން ވެސް ވަނީ އެގައުމުގައި ހުންނަ އެމެރިކާ ނޭވީގެ ފަސްވަނަ ފްލީޓަށް އަމާޒުކޮށް އިރާނުން ހަމަލާ ދިން ކަމަށް ބުނެފައެވެ.

އިރާނުން ހަމަލާ ދޭން ފެށުމުން ގަލްފުގެ ހުރިހާ ގައުމުތަކަކުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

އިރާނުން މީގެ ކުރިން ވެސް ދިޔައީ އެމެެރިކާ އާއި އިޒްރޭލަށް އިންޒާރުދީފައެވެ. އެގޮތުން ހަމަލާ ދީފި ނަމަ ބަދަލުގައި ހަމަލާ ދޭނީ މެދުއިރުމަތީގައި ހުންނަ އެމެރިކާ ބޭސްތަކަށް ކަމަށް ބުނެފައިވެއެވެ.