މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) މެދުވެރިވެގެން، ރާއްޖޭގެ އެތުލީޓުންނަށް ހާއްސަ ސްކޮލަޝިޕް ފުރުސަތުތަކެއް އިއުލާނުކޮށް، އެކަމުގެ އިންތިޒާމުތައް ހަމަޖައްސައިދީފިއެވެ.

ސްކޮލަޝިޕް ފުރުސަތުތަކަށް ދާނެ އެތުލީޓުން ކަނޑައަޅާފައިވާ އިރު، އެކަން ރަސްމީކޮށް އިއުލާނުކުރީ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައެވެ. އެ ޖަލްސާއަށްފަހު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު ވިދާޅުވީ އިއުލާނުކުރެވިގެންދިޔައީ ދެ ސްކޮލަޝިޕެއް ކަމަށެވެ. އެއީ އޮލިމްޕިކް ސޮލިޑާރިޓީގެ ތެރެއިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) މެދުވެރިކޮށް ލިބޭ ސްކޮލަޝިޕްތަކުގެ އިތުރުން، ބީއެމްއެލް ސްކޮލަޝިޕް ކަމަށެެވެ.

"އައިއޯސީން ލިބިފައިވާ ސްކޮލަޝިޕްގައި ހަ ކުޅިވަރަކުން ހަ އެތުލީޓުން މި ހޮވުނީ. އެއީ އިންޑިވިޖުއަލް އޮލިމްޕިކް ސްޕޯޓަށް ލިބޭ ފުރުސަތުތަކެއް. އަޅުގަނޑުމެން ހުޅުވާލައިގެން އެތުލެޓިކްސް، ބެޑްމިންޓަން، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން، ސާފިންގެ އެތުލީޓުންނަށް މި ދެވުނީ ސްކޮލަޝިޕް،" ތަމޫހު ފާހަގަކުރެއްވިއެވެ.

އައިއޯސީގެ ސްކޮލަޝިޕް ލިބިފައިވާ އެތުލީޓުންނަކީ ޓޭބަލް ޓެނިހުގެ ތަރި ފާތިމަތު ދީމާ އަލީއާއި ދުވުންތެރިޔާ އާދަމް ރިއްފަތު، ޝޫޓިންއިން މަރިޔަމް އީޝަލް މިސްބާހް، ސާފިންގެ މުހައްމަދު އިނާން އަބްދުލް ހަންނާންގެ އިތުރުން ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު އަދި ފެތުންތެރިޔާ އިފްޒާލް އިބްރާހީމް މަހުފޫޒެވެ.

ތަމޫހު އިތުރަށް ފާހަގަކުރެއްވީ އައިއޯސީން ދީފައިވާ ސްކޮލަޝިޕްތަކަކީ 2028 ވަނަ އަހަރު އޮންނަ އޮލިމްޕިކްސް، އެލްއޭ28 އާ ހަމައަށް ދެވޭ ހަތަރު އަހަރުގެ ސްކޮލަޝިޕްތަކެއް ކަމަށެވެ. އެގޮތުން އެ އަހަރާ ހަމައަށް ކޮންމެ އެތުލީޓަކަށްވެސް ހައި ޕާފޮމަންސް ސެންޓަރެއްގައި ތަމްރީނުވާން ދިން ފުރުސަތުގައި މަހަކު 1500 ޑޮލަރު ލިބޭނެ ކަމަށްވެސް ތަމޫހު ވިދާޅުވިއެވެ.

އެ ސްކޮލަޝިޕްގެ ދަށުން މިހާރު ބައެއް އެތުލީޓުން ވަނީ ބޭރު ގައުމުތަކުގެ ހައި ޕާފޮމަންސް ސެންޓަރުތަކަށް ދަތުރު ފަށައިފައެވެ. އަދި އަނެއް އެތުލީޓުން ދަނީ އެކި ސެންޓަރުތަކާ ވާހަކަ ދައްކަމުން ކަމަށްވެސް ތަމޫހު ފާހަގަކުރެއްވިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތަމޫހު ވަނީ ބީއެމްއެލް ސްކޮލަޝިޕަށްވެސް އަލިއަޅުވާލައިފައެވެ. ބީއެމްއެލްއިން އެމްއޯސީއާ ގުޅިގެން ދޭ ސްކޮލަޝިޕަކީ އެއް އަހަރު ދުވަހުގެ ސްކޮލަޝިޕެކެވެ. ތަމޫހު ވިދާޅުވީ އެ ސްކޮލަޝިޕްގައި އެމްއޯސީގެ ދައުރަކީ އެތުލީޓުން ހޮވުން ކަމަށާއި، އެ ސްކޮލަޝިޕް ސަސްޓެއިން ކުރެވޭނީ ކިހިނެއްތޯ ބަލައި، އެކަން ކުރިއަށް ގެންދަން ވިސްނަވާ ކަމަށެވެ. އަދި އެ ސްކޮލަޝިޕްގެ ފީޑްބެކް މިހާރުވެސް ރަނގަޅު ކަމަށް ތަމޫހު ފާހަގަކުރެއްވިއެވެ.

މިއަހަރު ބީއެމްއެލް ސްކޮލަޝިޕް ލިބިފައި ވަނީ ސާފިން އެތުލީޓަކަށެވެ.