މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބުދަ ދުވަހުގެ ރޭ ބާއްވާފައިވާ އިރު، މިއަހަރަށް ފާސްކުރި ބަޖެޓުގެ ބޮޑު ހަރަދެއް ހިނގާނީވެސް ގޭމްސްތަކަށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި 16 އެސޯސިއޭޝަނެއްގެ އިތުރުން އެތުލީޓުންގެ ފަރާތުން ދެ މަންދޫބުން ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން ގައުމީ ކުޅިވަރު ކައުންސިލާއި ކޮމިޝަނާ އޮފް ސްޕޯޓްސް އޮފީހުގެ ފަރާތުން މަންދޫބުންނާއި އެކްސްކޯ މެމްބަރުންވެސް ބައިވެރިވެފައިވެއެވެ. އެއާއެކު ހާއްސަ މެހެމާނެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ) ވެސް ޖަލްސާގައި ބައިވެރިވަޑައިގެންފައިވެ އެވެ.

މިއަހަރުގެ ޖަލްސާގައި މިދިޔަ އަހަރު އެމްއޯސީއަށް އެކި ގޮތް ގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަން ކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓް ފާސްކޮށްފައިވެއެވެ. އެމްއޯސީން މިއަހަރު ފާސްކުރީ ދަރަނި ބަޖެޓެކެވެ. އެގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 54،902،381 ރުފިޔާއެވެ. ހިނގާނެ ކަމަށް ލަފާކޮށްފައިވާ ހަރަދަކީ 59،750،830 ރުފިޔާއެވެ.

އޭގެ ތެރެއިން 72 ޕަސެންޓް ފައިސާ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ ގޭމްސްތަކަށެވެ. މި އަހަރު ފަސް ގޭމްސް އެއްގައި ވާދަކުރާ ގޮތަށް ހަމަޖެހިފައި އޮތް އިރު، 46 މިލިއަން ރުފިޔާ އެ ގޭމްސްތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

އޭގެ އިތުރުން ދެން އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ލަފާކޮށްފައި ވަނީ އެތުލީޓުންގެ ތަމްރީނުތަކާއި ގުޅުންހުރި އެހެން ކަންކަމަށެވެ. އެއީ ގާތްގަނޑަކަށް 3.6 މިލިއަން ރުފިޔާ ކަމަށްވެސް އެމްއޯސީން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ސްކޮލާޝިޕްތަކަށް ކުރާ ހަރަދުވެސް ހިމެނެއެވެ.

އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި މިނިސްޓަރު ރާފިއު ވާހަކަ ދައްކަވާފައިވާ އިރު، އެމަނިކުފާނު ވަނީ ސަރުކާރުގެ ފަރާތުން ކުޅިވަރުގެ ހިންގުން ހަރަދުނާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައިފައެވެ. އޭގެ އިތުރުން އެތުލީޓުންގެ ކުރިއަރުމާއި، އެހެނިހެން ކަންކަމަށް ސަރުކާރުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށްވެސް ރާފިއު ވިދާޅުވިއެވެ.