ސަރުކާރާ ދެކޮޅު ކައުންސިލުތަކުން އެއްބާރުލުން ނުދީގެން 57 ރަށެއްގެ ތަރައްގީގެ މަޝްރޫއެއް ހުއްޓިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ތަރާވީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އިހުލާސްތެރިކަމާއެކު މަސައްކަތްތައް ކުރަމުންދިޔަ ނަމަވެސް، ކައުންސިލުތަކުގެ ތެރެއިން ދަތިތައް ކުރަމަތިކުރުވަމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރުން 57 ރަށެއްގައި ފެށި މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ އެ ރަށްރަށުގެ ކައުންސިލުތަކުން އެއްބާރުލުން ނުލިބިގެން ކަމަށާއި އެގޮތުން އެ ކައުންސިލުތަކުން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ހަވާލުކުރަން ޖެހޭ ބިންތައް ހަވާލުކޮށްފައިނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ހުރަސްތައް ނައްތާލުމަށް ކައުންސިލުތަކުގެ މޭޔަރުންނާއި ރައީސުންނާއި ކައުންސިލަރުން އަދި ޑަބްލިޔުޑީސީގެ މެންބަރުންނަށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މާލޭގެ މޭޔަރުކަމުގައި ކައުންސިލުން ފާސްކޮށްގެން ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ނެރެފައިވާނެ ކަމަށާއި ނަމަވެސް އޭގައި ހުރި ކަންކަން ފާއިތުވެދިޔަ ދެ އަހަރު ހުއްޓި، މާލޭގެ ރައްޔިތުންނަށް އިހާނެތިކަން ލިބިފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުގައި ޕީއެންސީގެ މެޖޯރިޓީ އޮތް ނަމަވެސް، ގަވާއިދުގައި އޮންނަ ގޮތުން ސިޓީތަކާއި ރަށްރަށުގެ ކައުންސިލުތަކުން ނިންމާ ނިންމުންތައް ތަންފީޒުކޮށް އިދާރާ ހިންގުމުގެ ބާރު އޮންނަނީ މޭޔަރުންނާއި ރައީސުންނަށް ކަމަށްވުމުން، އެކަންކަން ތަންފީޒުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއަށް ތަރައްގީ ގެނައުމަށް އެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނި ކަންކަން އިތުރަށް ފުޅާކޮށް، މެނިފެސްޓޯގައި ހިމެނުއްވި ނަމަވެސް، ލާމަރުކަޒީކޮށް ކައުންސިލުގެ ތެރެއިން އެކަންކަން ހިންގިފައިނުވާ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިހާނެތިކަން ހުއްޓުމަކަށް ގެނައުމަށް ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭނެ މޭޔަރެއް ހޮވުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނުގެ މޭޔަރުކަމުގައި ތަރައްގީކޮށް ބަލަހައްޓަމުން ގެންދިޔަ ޕާކުތައް ވެސް މިހާރު ކައުންސިލަށް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އެތަންތަން ވީރާނާވުމުން އެކަންކަން ވެސް ކުރަމުންދަނީ ސަރުކާރުން ކަމަށާއި އޭގެ އިތުރުން ޗައިނާގެ އެހީގައި މާލޭގެ މަގުތައް ހެދުމުގެ މަރުހަލާތައް ކުރިއަށްގެންދިއުމާއި ސަރުކާރުގެ ހަރަދުގައި ބޮޑުތަކުރުފާނުމަގު ހެދުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަނީ ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.