އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސް، ޖަލުގައި ހުރެ އިސްލާމްދީން ގަބޫލުކޮށްފިކަން އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް އަންގައިފިއެވެ.
މޭރީގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާނަށެވެ. މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ ޖަލު ބަންދުގައި ހުރި މާވިންއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެ ސިޓީގައި މާވިން އިސްލާމްދީން ގަބޫލުކޮށް އޭނާގެ ނަން މިހާރު "ޔޫސުފް" ގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންވެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ މާވިންއާ މުހާތަބުކުރެއްވީ ވެސް ޔޫސުފްގެ ނަމުންނެވެ.
މާވިން އިސްލާމްވުމާ ގުޅިގެން، އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ކަނޑައަޅާ އަދަބަށް ބަދަލެއް އަންނާނެތޯ ސާފުކުރުމަށް މާވިންގެ ވަކީލު ދައުލަތާ ސުވާލުކުރެއްވިއެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ، އެކަމާ މެދު އިތުރަށް މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އާންމުކޮށް ދައުލަތުން މީހުންނާ މުހާތަބު ކުރަނީ ޕާސްޕޯޓް ފަދަ ރަސްމީ ލިޔުންތަކުގައި އޮންނަ ނަމުންކަން ވަކީލު ފާހަގަކުރެއްވިއެވެ.
މިއަދުގެ އަޑުއެހުމަކީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ތާވަލުކުރި އަޑުއެހުމެއް ނަމަވެސް، ބައެއް ލިޔުންތައް ލިބިފައި ނުވާތީ ތައްޔާރުވުމަށް ދިފާއީ ވަކީލުން އިތުރު ވަގުތަށް އެދުނެވެ. ގާޒީ ވަނީ ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު މީގެ ކުރިން ވެސް ދެވިފައިވާ ކަމަށް ވިދާޅުވެ، އެންމެ ފަހު ފުރުސަތެއްގެ ގޮތުން އަންނަ މަހަށް ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ތާވަލުކޮށްދެއްވައިފައެވެ.
ކުރިމިނަލް ކޯޓުގައި މާވިންއާއި ލަމްހާގެ ޝަރީއަތް މީގެކުރިން ގެންގޮސްފައިވަނީ ވަކިވަކިންނެވެ. ނަމަވެސް މިހާރު އެ ދެ މީހުންގެ ޝަރީއަތް ކުރިއަށްގެންދަނީ އެއްކޮށެވެ. މިއަދުގެ އަޑުއެހުމަށް ވެސް ދެ މީހުން ހާޒިރުކުރީ އެއްކޮށެވެ.
މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ވިދާޅުވެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.
ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.
މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިންއެވެ. އެއިއިރު އެތާނގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.
މި މައްސަލައިގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި މޭރީގެ ޕޯސްޓްމޯޓަމް ހެދި އިންޑިއާގެ ޕެތޮލޮޖިސްޓެއް ކަމަށްވާ ޑރ. ސާލިނީ ބުނެފައިވަނީ އޭނާއަކީ 1،000 އަށްވުރެ ގިނަ ޕޯސްޓްމޯޓަމް ހަދައިފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ ދުވަސްވީ ހަށިގަނޑުތަކާއި ވަޅުލައިފައިވާ ހަށިގަނޑުތަކުގެ ޕޯސްޓްމޯޓަމް ވެސް ހަދާ މީހެއް ކަމަށެވެ. މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައިފައިވަނީ މަރުވިތާ ދެ ހަފުތާ ފަހުން ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.
ދެ ހަފުތާ ފަހުން މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި ނަމަވެސް ހަށިގަނޑު ކުނިވާން ފަށައިފައިނުވާ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ސަބަބަކީ ރާއްޖޭގައި މޭރީގެ ހަށިގަނޑު ބާއްވާފައިވަނީ މޯޗަރީއެއްގައި ކަމަށްވުން ކަމަށެވެ. ހަށިގަނޑު ކުނިވާން ފަށައިފައިނުވާތީ އަދި ރައްކާތެރިކޮށް މޯޗާރީގައި ބާއްވައިފައި އޮތުމުގެ ސަބަބުން ހަށިގަނޑުގެ ބޭރުގައި ހުރި ނިޝާންތައް ރަނގަޅަށް ދެނެގަނެވެން ހުރި ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.
މޭރީގެ ޕޯސްޓްމޯޓަމް ހެދިއިރު ކަރުގެ ކަށިތަކާއި ނާރުތަކަށް ގެއްލުންވެފައިނުވާކަން ފާހަގަކުރެވުނު ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. އަދި ޕުއްޕާމެއަށް ލޭއެޅިފައިވާކަމުގެ އިތުރުން ބޮލަށް އަނިޔާތަކެއްވެފައިވާކަން ފާހަގަކުރެވުނު ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ހަށިގަނޑުގެ ބޭރުގައި ހުރި އަނިޔާތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. މޭރީގެ ކަރުގެ ތައިރޮއިޑް ކާޓްރިޖަށް އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ހެކިވެރިޔާ ބުނެފައިވެއެވެ.
ހެކިވެރިޔާ ބުނީ ދަންޖެހިގެން މަރުވެފައިވާ މީހެއްގެ ހަށިގަނޑުގެ ކަރުގެ ކަށިތަކަށާއި، ނާރުތަކަށް ގެއްލުންވާނެ ކަމަށެވެ. މޭރީގެ ފުއްޕާމެއަށް ލޭ އެޅިފައިވަނީ ނޭވާ ހޮޅި ނުވަތަ ވައި ހޮޅި ބެއްދުމުގެ ސަބަބުން ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ބޮލަށް އަނިޔާވެފައިވަނީ މޭރީގެ ބޯ ހަރުތަނެއްގައި ވަރަށް ބާރަށް ޖައްސައިފައިވުމުގެ ސަބަބުން ކަމަށެވެ. މޭރީގެ ތައިރޮއިޑުގެ ކާޓްރިޖަށް އަނިޔާވެފައިވަނީ އެހެން މީހަކު މޭރީގެ ކަރަށް ބާރަށް ފިތާލުމުގެ ސަބަބުން ކަަމަށް ލަފާކުރެވޭ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.
"އަޅުގަނޑު ޕޯސްޓްމޯޓަމް ހެދީ ދަންޖެހިގެން މަރުވި ހަށިގަނޑެއްގައެއް ނޫން. ހަށިގަނޑުން ދަންޖެހިގެން މަރުވިކަމުގެ ނިޝާނެއް ނެތް. މަރުވީ ބޮލަށާއި، ކަރަށް އަދި ފުއްޕާމެއަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން،" ހެކިވެރިޔާ ބުނެފައިވެއެވެ.
މޭރީގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުގެ ޓޮކްސޮލޮޖީ އެނަލިލިސް ހެދި އިންޑިއާގެ ފޮރެންސިކް ތަޖުރިބާކާރަކު ހެކިބަސް ދެމުން ބުނެފައިވަނީ މޭރީ ގްރޭސްގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލުން ނުރައްކާތެރި "ސަކްސިނައިލްކޮލިން"ގެ އަސަރު ފެނުނު ކަމަށެވެ.
މެރީގެ ލޭގެ ސާމްޕަލުން ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައިވަނީ އާންމުކޮށް ކޭސްތަކުގައި ގެންނަ ބްލަޑް ސާމްޕަލްތަކުގައި ހުންނަ މިންވަރަށްވުރެ މަދުންކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް