ސްރީ ލަންކާއާއި އިންޑިއާގައި ކުރިއަށްދާ އައިސީސީ ފިރިހެން ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ހޯޓްސް ސްރީ ލަންކާ މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގެ ގަދަ އަށް ޓީމު ދެ ގްރޫޕަކަށް މިހާރު ވާދަކުރަމުންދާ އިރު، ލަންކާ ކެޓީ ރޭ ނިއު ޒީލެންޑް ކައިރިން ބަލިވުމާއެކުގައެވެ. ރޭ ލަންކާ ބަލިވީ 61 ލަނޑުންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް މޮޅެއް މަޖުބޫރުވެފައި އޮތް އިރު، އެކަން ހާސިލްނުކުރެވުނީ ނިއު ޒީލެންޑުން އެޓީމު ކުޅެން އަރައި އެންމެ ފަހުވަގުތު ސްކޯރިން ރަނގަޅު ކުރުމުންނެވެ.

ލަންކާ މިހާތަނަށް ގަދަ އަށެއްގައި ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ އިރު، ކޮލަމްބޯގެ ޕްރެމަދާސާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ލަންކާ އިން ނިންމީ ހޮވާށެވެ.

ނިއު ޒީލެންޑުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 168 ލަނޑު ހަދާފައިވެއެވެ. ނިއު ޒީލެންޑްގެ ކެޕްޓަން މިޗް ސެޓްނާ ވަނީ 26 ބޯޅައިން 47 ލަނޑު ހަދައިފައެވެ. ލަންކާގެ މަހީޝް ތީކްޝާނާއާއި ދުޝްމަންތާ ޗަމީރާ، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގިއެވެ.

ނިއު ޒީލެންޑްގެ އިނިންސްގައި 16 ވަނަ އޯވަރާ ހަމައަށް ދިޔައިރުވެސް ހެދިފައި އޮތީ 98 ލަނޑެވެ. ދެން ކުޅުނު ހަތަރު އޯވަރުގައި ލަންކާ އަތުން ކޮންޓްރޯލް ގެއްލުނެވެ.

ލަންކާއިން ބަދަލުގައި ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 107 ލަނޑެވެ. އެންމެ ގިނަ ލަނޑު ހެދި ކަމިންދު މެންޑިސް އަށްވެސް ހެދުނީ 23 ބޯޅައިން 31 ލަނޑެވެ. މި އިނިންސްގައި ނިއު ޒީލެންޑުގެ ރަޗިން ވަނީ ހަތަރު އޯވަރަށް ހަތަރު ވިކެޓް ނަގައިފައެވެ.