މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބުރިޖުގެ ކަނޑުއޮޅިތަކުން ދަތުރު ނުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާވެސް އަންގައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނީ މާލެ އާއި ތިލަފުއްޓާ ދެމެދުގައިވާ ތިން ޗެނަލްގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ، މާލެ، ތިލަފުށީ ލިންކު މަޝްރޫއުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެ ސަރަހައްދުގެ މަސައްކަތްތައް ކުރިއަށް ދާއިރު އެ ތިން ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަށްނުވާތީ އެ ކަނޑުއޮޅި ބަންދު ކޮށްފައިވާކަން 2024 މާޗް ތިނެއްގައި ވާނީ އެ މިނިސްޓްރީއިން އާންމުކޮށް އަންގާ އިއުލާން ކޮށްފައި ކަމަށެވެ.
އެހެންކަމުން ތިން ކަނޑުއޮޅި (މާލެ-ވިލިމާލެ، ވިލިމާލެ-ގުޅީފަޅު އަދި ގުޅިފަޅު-ތިލަފުށި) ބަންދުކޮށްފައިވާތީ، އެ ސަރަހައްދުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އެ މިނިސްޓްރީން ވަނީ އަންގައިފައެވެ.
ތިލަމާލެ ބުރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް ވެސް ވަނީ 2025 އޭޕްރީލް މަހު ބަހައްޓައިފައެވެ. ބުރިޖުގެ ތަނބުގެ ބައިގެ ދިގުމިނުގައި 8.23 މީޓަރު އަދި ފުޅާ މިނުގައި 25.37 މީޓަރު ހުންނަ މި ސެގްމަންޓުގެ ބަރުދަނުގައި 216.04 މެޓްރިކް ޓަނެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތަކެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު