މަސްތުވާތަކެތި އަޅާފައި ހުރި ފޮތްތަކެއް ހުރި ފޮށިގަނޑެއް ނަގަން ޕޯސްޓް އޮފީހަށް ދިޔަ މީހަކަށް 18 އަހަރަށް ޖަލަށްލުމާ އެކު 75،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ، ހުކުމްކުރީ ސ. މީދޫ ހުދުވިލާ އަލީ މުފާވިޒްގެ މައްޗަށެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް، ދައުވާ ކުރީ ޑިސެމްބަރު، 2023 ގައި މަސްތުވާތަކެތި ފޮރުވާފައިވާ ހުރި ފޮތްތަކެއް ހުރި ފޮށިގަނޑެއް ނަގަން ޕޯސްޓް އޮފީހަށް ދިޔަ މައްސަލައެއްގައެވެ.

އެ ފޮށިގަނޑަކީ އެހެން މީހެއްގެ ނަމުގައި އޮތް ފޮށިގަނޑަކަށް ވާތީ އޭނާ އެ ފޮށިގަނޑު ނަގަން ދިޔައީ ފޮށިގަނޑުގައި ނަން އޮތް މީހާގެ ސިޓީއަކާއި އައީޑީކާޑް ކޮޕީ ހިފައިގެންކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެއީ އިތުރަށް ބަލަންޖެހޭ ފޮށިގަނޑަކަށްވާތީ މުފާވިޒުގެ ހާޒިރުގައި އެ ފޮށިގަނޑު ކަނޑައިގެން ކަސްޓަމްސުން ބެލިއިރު، ފޮށިގަނޑުގައި ހުރި ފޮތްތަކުގައި ފޮރުވާފައި މަސްތުވާތަކެތި ވަނީ ފެނިފައެވެ.

އެއީ ކިލޯއަކަށް ވުރެ ގިނަ ގްރާމްގެ މެތުކެތިނޯން ކަމަށް ތަހުލީލުތަކުން ދައްކައެވެ.

އެހެންކަމުން އެ ފޮށިގަނޑު ފުލުހުންނާ ހަވާލުކޮށް، މުފާވިޒުގެ އަތުން އެ ފޮށިގަނޑު ބަލާ އަންނަ މީހާ ހޯދުމަށްޓަކައި ކޮންޓްރޯލްޑް އޮޕަރޭޝަނެއް ކުރިއަށް ގެންދަން މަސައްކަތްކުރި އެވެ.

ނަމަވެސް މުފާވިޒު އެ ފޮށިގަނޑާ ހަވާލުވާން އައީ މީހަކު ބުނެގެން ކަމަށް ބުނެ އެ މީހާއާ ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދިން ނަންބަރަށް ގުޅި އިރު ފޯނަށް ޖަވާބު ދީފައި ނުވާތީ އެ އޮޕަރޭޝަން ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ނަމަވެސް މުފާވިޒު ބުނެފައިވަނީ، އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި އެ ފޮށިގަނޑު ބަލާ ދިޔައީ ޕޭޖެއް ޑެލިވަރީ އޯޑަރެއް ފުރިހަމަ ކުރުމަށް ކަމަށެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ކަންހިނގާފައިވާ ގޮތަށް ބަލާއިރު މުފާވިޒުގެ ދައުރަކީ މަސްތުވާތަކެތި ހުރި ފޮށި ވަކި މީހަކާ ހަމައަށް ގެންގޮސްދިނުމުގެ ދައުރު ކަމަށެވެ. އަދި އެ ފޮށި ރާއްޖެ އެތެރެކޮށް އޭގެ މަންޒިލާ ހަމައަށް ފޯރުކޮށްދިނުމުގެ ބައިވެރިއެއްގެ ދައުރު އަދާކޮށްފައިވަނީ އޭނާ ކަމަށެވެ.

މުފާވިޒުއަކީ އެ ސިލްސިލާގެ މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ މީހަކަށް ވާއިރު، އެ ފޮއްޓާ ހަވާލުވެ ވަކި މީހަކާ ފޮށި ހަވާލުކުރަން އުޅުނުކަން މުފާވިޒުގެ ބަހުންނާއި ހެކިންގެ ބަހުން އެނގޭ ކަމަށް ހުކުމްގައިވެއެވެ.

އެހެންކަމުން ކުށުގެ އަމަލުގެ ރުކުން ފުރިހަމަވާ ކަމަށް ކަނޑައަޅައި، ފޮއްޓާ ގުޅޭގޮތުން ދޮގު މައުލޫމާތު ހިއްސާކޮށް، އެ މަސައްކަތް އޭނާއާ ހަވާލުކުރި މީހާ ސިއްރުކޮށްފައި ވުމުން މުފާވިޒުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން ކުށުގެ ނިޔަތުގެ ރުކުން ފުރިހަމަވާ ކަމަށާއި މުފާވިޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 18 އަހަރުގެ ޖަލަށްލުމާ އެކު، 75،000 ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމް ކުރިއެވެ.