ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ހުއްޓުވުމަށް އިދިކޮޅު އެމްޑީޕީން ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމާ މެދު ގޮތެއް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު އޮތީ ގާނޫނާ ހިލާފަށް ކަމަށެވެ.

މައުރޫފު ވިދާޅުވީ އެ ގަރާރު އޮތީ ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނަށް ގެނައި ބަދަލާ ހިލާފަށް ކަން ފާހަގަކުރެވިފައިވާތީ، އެ މައްސަލަ މިއަދުގެ ވަގުތެއްގައި ކޯޓަށް ވައްދާނެ ކަމަށެވެ.

އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން، ވޯޓުލުމުގެ ކަންކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށްވެސް އެދޭނެކަމަށް މައުރޫފު ވިދާޅުވިއެވެ.

ކޯޓަށް ދިއުމުގެ އިތުރުން، އެމްޑީޕީން ދަނީ މުޅި ރާއްޖޭގައި ހާއްސަ ކެމްޕެއިން ހަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަމުންކަމަށް މައުރޫފު ވިދާޅުވިއެވެ. އެގޮތުން އަންނަ މާޗް މަހު ބޮޑު އެއްވުމެއް ބާއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ގާނޫނުއަސާސީއަށް އެފަދަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އައުލަބިއްޔަތު ލިބިގެން ކަމަށްވާތީ، އެ ވޯޓު އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.

ސަރުކާރު ހިންގާ ޕީއެންސީން އަންދާޒާކުރާ ގޮތުގައި މި ބަދަލާއެކު އަހަރަކު ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. މީގެ އިތުރުން، ދެ އިންތިހާބު އެއްކޮށްލުމުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދުވެސް އިތުރުވާނެ ކަމަށް ޕީއެންސީން ގަބޫލުކުރެއެވެ.