އިސްލާމް ދީނަށް ފުރައްސާރަ ކުރާ މައްސަލައިގައި ޓިކްޓޮކްގައި މަޝްހޫރު އަހުމަދު އާމިރު (ބޫގާ) ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައިވާ ގޮތުގައި ހ. ފިލިކުރިގޭ، އުމުރުން 51 އަހަރުގެ އާމިރު ހޯދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވާ ކަމަށެވެ.

ނަމަވެސް އާމިރު އުޅޭ ވަކިތަނެއް ނޭންގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އޭނާ ހާޒިރުވާން އަންގާފައިވާ ހައިސިއްޔަތަކީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލު ކުރުމަށެވެ.

ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އެވެ. އާމިރު ކޯޓަށް ހާޒިރުވާން ޖެހޭ ދުވަހަކީ އަންނަ މާޗް މަހުގެ ދިހަވަނަ ދުވަހުގެ 16:00 އަށެވެ.

ޓިކްޓޮކްގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދެއްކި މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފައި ވަނީ މިމަހުގެ 17 ގައެވެ.

މިކަމާގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމީ އަގީދާ އާއި ކީރިތި ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަދެއްކި މީހާގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް މިދިޔަ މިމަހުގެ 10 ވަނަ ދުވަހު ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ.