ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން އަމާން އުދަރެސްގެ ފްލެޓެއް ބިދޭސީންގެ ލޭބާ ކުއާޓާ ހަދަން ކުއްޔަށް ދޫކޮށްފައިވާ މައްސަލައެއްގައި އެތަނުގެ ވެރިފަރާތް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެ މައްސަލާއާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "ވަން" އަށް މިއަދު ވިދާޅުވީ ބިދޭސީ ބަޔަކަށް އަމާން އުދަރެސް ފްލެޓެއް ކުއްޔަށް ދިންކަން އެނގުނު ހިސާބުން އެކަމަށް އެ ކޯޕްރޭޝަނުން ފިޔަވަޅު އަޅައި އެ ފްލެޓުގެ ވެރިފަރާތް ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

"އެތަން މިހާރު ވާނީ ޕޮލިސީއާ އެއްގޮތަށް ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައި. 10 ދުވަސް ތެރޭގައި ބިދޭސީން ހުސްކުރަން އަންގާފައި، 10 ދުވަސް ފަހުން އިންސްޕެކްޓަރުން ގޮސް ބެލިބެލުމަށް ބިދޭސީން އެތަނުން ހުސްކޮށްފައި، މިހާރު ދިރިއުޅެނީ ތަނުގެ ވެރިފަރާތް އެކަނި. މިހާރު އެކަން ރަނގަޅު ކުރީމަ އެކަން ނިމިފައި އޮތް ކަމަށް މިބެލީ. އެކަމަކު ޖޫރިމަނާ އެއީ ކުރެވިފައި އޮތް އެއްޗެއްވީމަ، އެކަން ބަދަލެއް ނުކުރެވޭނެ،" ޝަކީލް ވިދާޅުވިއެވެ.

އަމާން ފްލެޓްތަކުގެ އިތުރު މައްސަލަތަކަށް އަލިއަޅުއްވާލަމުން ޝަކީލް ވިދާޅުވީ އަމާން އުދަރެސްގެ އެހެން ތަނެއްވެސް ވެރިފަރާތް ދިވެހި އާއިލާއަކަށް ކުއްޔަށް ދީފައިވާ މައްސަލަ ވެސް ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުންވެސް އެ ފްލެޓްތަކުގެ އަސްލު ކުއްޔަށްވާ 9،000 ރުފިޔާ އަށް ވުރެ ބޮޑު އަދަދުން، 25،000 ރުފިޔާއަށް ވެސް ފްލެޓުތައް އެހެން އާއިލާތަކަށް ކުއްޔަށްދޭ މައްސަލަ ވެސް ފެންމަތިވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށެވެ.

"އިތުރު ތަނެއް މައުލޫމާތު ލިބިފައި އެބައޮތް ތިންވަނަ ފަރާތަކުން، މާލެއިން ބޭރުގައި ރަށެއްްގައި ޔުނިޓުގެ ވެރިފަރާތް ދިރިއުޅެނީ. ޔުނިޓު ހުންނަނީ ދިވެހި އާއިލާޔަކަށް ކުއްޔަށް ދީފައި ކަމަށް. އެކަން ފައިދިރިއުޅުން ކޯޕްރޭޝަން ޓީމުން ކަށަވަރު ކުރާނެ އެއީ ތެދު މައުލޫމާތެއް ތޯ ނުވަތަ ނޫންތޯ." ޝަކީލް ވިދާޅުވިއެވެ.

ފްލެޓް ލިބުނު ފަރާތް ނޫން އެހެންފަރާތަކުން ފްލެޓްތަކުގައި ދިރިއުޅުމަކީ މަނާ ކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ހާލަތެއް ކަމަށް ފްލެޓް ދޫކުރާ އެއްބަސްވުމުގައި ހިމަނާފައި އޮވެއެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެފްޑީސީން އިމާރާތް ކޮށްފައިވާ ފްލެޓްތައް ހަވާލުކުރަން ފެށިފަހުން، އަސްލުކުލީގެ އަގު ޑަބަލްކޮށް ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި އެފްޑީސީން ވަނީ ފްލެޓު އެއްބަސްވުން ބާތިލުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.