ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އަމާން ޓަވަރުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، އެ ތަންތަން ހުސްކުރުމަށް އެ ކޯޕަރޭޝަނުން އަންގައިފިއެވެ.

އެފްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ފިޔަވަޅު އެޅީ 4000 ހައުސިން ޔުނިޓު ހަވާލުކުރުމުގެ ކުރިން އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ޔުނިޓުތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމާ ގުޅިގެންނެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ފުރުސަތެއް އެ ފަރާތްތަކަށް ދިނެވެ. އަދި މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ދީފައިވާނެ ކަމަށް އެފްޑީސީން ބުންޏެވެ. މި ނޯޓިސްތައް ފަހި ޕޯޓަލް މެދުވެރިކޮށާއި، އެސްއެމްއެސް އަދި އީމެއިލްގެ އިތުރުން ލިޔުމުން ވެސް ހަވާލުކޮށްފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.

ފައިސާ ދެއްކުމަށް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން އެކަށީގެންވާ ފުރުސަތުތަކެއް ދިނުމަށްފަހު ވެސް، ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުން ބާތިލުކޮށް ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކޮށް ހަވާލުކުރުމަށް މިހާރު ވަނީ އަންގައިފައެވެ. މީގެ އިތުރުން، އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ފަރާތްތަކަށް ފަހި ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސް ވެސް މިހާރު ވަނީ ކަނޑާލައިފައެވެ.

އެފްޑީސީން ފާހަގަކުރި ގޮތުގައި، މިއީ އެންމެހައި ފަރާތްތަކުގެ މައްޗަށް އިންސާފުވެރިކަމާއެކު އުސޫލުތައް ތަންފީޒުކުރުމުގެ މަގުސަދުގައި އެޅި ފިޔަވަޅެކެވެ. ހައުސިން ޔުނިޓުތައް ބެލެހެއްޓުމުގައި ދެފުށް ފެންނަ އަދި އިންސާފުވެރި އުސޫލުތައް ދެމެހެއްޓުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.