މާލޭ ހައި ޕްރައިވެޓް ލިމިޓެޑް ވިޔަފާރިއާ ބެހޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެއް، އެ ކުންފުންޏަށް ދިނުމަށް ސިވިލް ކޯޓުން އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑް ވިޔަފާރިއަށް ލިބިފައިވާ ގެއްލުންތަކެއް ވަޒަންކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށް ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވާފައިވާ ރިޕޯޓެއް ހޯދުމަށް މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދުމުން އެ ރިޕޯޓު ދޫކުރުމަށް އެ އޮފީހުން އިންކާރުކުރުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާކުރި މި މައްސަލައިގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދިފައިވަނީ އެ ރިޕޯޓު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްދިނުމަށް އޮޑިޓާ ޖެެނެރަލްގެ އޮފީހުގެ މައްޗަށް ކޯޓުން އަމުރުކޮށްދިނުމަށެވެ.

މި މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހުގެ 22 ވަަނަ ދުވަހު އޮޑިޓާ ޖެނެރަލް އޮފީހަށް ކޯޓުން ދައުވާ ރައްދުކޮށް ދައުވާ ފޯމު ހަވާލުކުރިއެވެ. ދައުވާ ފޯމާ ހަވާލުވެ ދައުވާއަށް ދިފާއު ހުށަހެޅުމަށް މުއްދަތު އިތުރުކޮށްދިނުމަށް އެ އޮފީހުން އެދުނެވެ. ނަމަވެސް މިދިޔަ ޖެނުއަރީމަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދިން މުއްދަތުގައިވެސް އެ އޮފީހުން ދިފާއު ހުށަހަޅައިފައެއް ނުވެއެވެ. އަދި މުއްދަތު އިތުރުކޮށްދިނުމަށް އެދިފައެއްވެސް ނުވެއެވެ.

ގާނޫނު ބުނާގޮތުން އެގޮތަށް ދައުވާ ރައްދުވާ ފަރާތުން ދިފާއު ހުށަނާޅާ ނަމަ، އެ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލައިގެ ހުކުމްކޮށްދިނުމަށް ދައުވާ ހުށަހެޅި ފަރާތަށް އެދެވޭނެއެވެ. އެގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ ދައުވާއަށް ދިފާއު ހުށަހަޅާފައިނުވާތީ އާއި މުއްދަތު އިތުރުކުރަން އެދިފައިނުވާތީ، މައްސަލައިގައި ހުކުމްކޮށްދިނުމަށް މިދިޔަ ޖެނުއަރީ މަހުގެ 22 ގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ކޯޓުގައި އެދުނެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ، އޮޑިޓާ ޖެެނަރަލްގެ އޮފީހާ ދެކޮޅަށް މި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި މި މައްސަލައިގައި ހިމެނޭ އޮޑިޓް ރިޕޯޓް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވިގޮތަަށް އުނި އިތުރެއްނެތި ހަތް ދުވަހުގެ ތެރޭގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް އޮޑިޓާ ޖެނެރަލް އޮފީހުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.