ބޮޑުތަކުރުފާނު މާގުގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތައް ޓޯކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ފޭސްބުކްގައި ހިއްސާކުރި ވީޑިއޯގައި، ހެޑް އޮފް ޓެރެފިކް ޕޮލިސް ޗީފް އިންސްޕެކްޓާ އިބްރާހިމް ހިލްމީ ވިދާޅުވީ ރަމަޟާން މަހަށް ހާއްސަކޮށް، ބޮޑުތަކުރުފާނު މަގުގައި، މާލެ ވަށައިގެން ހުރި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކްކުރުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

"މިހާރުވެސް އެމްޕީއެލްއިން ފެށިގެން މާފަންނު ޕޮލިހާ އެދޭތެރޭގައި ވެހިކަލްތައް ޑަބަލްކޮށް ޕާކްކުރުމާއި ހާއްސަކޮށް މިހާރު، ދެކޮޅަށް ދުއްވޭގޮތަށް ބޮޑުތަކުރުފާނުމަގު ބަދަލުކުރުމާ ހިސާބުން ފެށިގެން، އެ ހިސާބަށް ވަރަށް ބާރު ބޮޑުވަމުންދާތީ އާއެއްކޮށް، ރަމަޟާން މަހު ބޮޑުތަކުރުފާނުމަގުގައި ގަވައިދާ ހިލާފަށް، ޕާކްކުރާ ވެހިކަލްތައް، އުޅަނދުތައް ޓޯކުރަމުންވެސް ގެންދާނަން. ގަވައިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންވެސް ގެންދާނަން. ރައްޔިތުން ކިބައިން އެދެން އެސަރަހައްދުގައި ގަވައިދާ ހިލާފަށް ޕާކް ނުނުކުރެއްވުން." ހެޑް އޮފް ޓެރެފިކް ޕޮލިސް ޗީފް އިންސްޕެކްޓާ ހިލްމީ ވިދާޅުވިއެވެ.

ފުލުހުން މިމަހުގެ 19 ވަނަ ދުވަހު ކުރި އިއުލާނުގައި ވާގޮތުން، މާލޭގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއ،ި ރަޖިސްޓްރީނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އަދި އޭޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އުޅަނދުތައް ޓޯ ކޮށްގެން ގެންދާނެ ކަމަށެވެ.