ސަރުކާރު ޖަވާބުދާރީކުރުވުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް މަތިކޮށްފައިވާ ޒިންމާއެއް ނޫންކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ، ގަލޮޅު ދެކުނު ކެމްޕޭއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ލާމަރުކަޒީ ގާނޫނު އެއްކޮށް ބެލިއިރުވެސް އެ ގާނޫނުގެ ދަށުން ކައުންސިލަށް މަތިކޮށްފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުން ނުހިމެނޭ ކަމަށާއި، ނަމަވެސް ސަރުކާރާ ގުޅިގެން މަސައްކަތްކުރުން އެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް މަތިކޮށްފައިވާ ކަމަށެވެ.

ހަލީމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ޕްރައިމަރީ ހެލްތު ކެއާ ހިދުމަތް ފޯރުކޮށް ދިނުމުގެ ޒިންމާ ކައުންސިލްތަކުން އަދާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަން ޖެހިފައިވަނީ މިނިސްޓްރީތަކާއި، ސަރުކާރު ކުންފުނިތަކުން ކަމަށް ހަލީމް ވިދާޅުވިއެވެ. އެގޮތުން މާލޭގައި މިހާރު އައިޖީއެމްއެޗުން ވަނީ ޖީޕީ ކްލިނިކެއް ހުޅުވާފައިކަން ހަލީމް ފާހަގަކުރެއްވިއެވެ.

22 ފެބްރުއަރީ 2026، މާލެ، ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭނު ޖަގަހަ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުޅުއްވައިދެއްވުން -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ކަންކަން އެންމެ ރަނގަޅަށް ކުރެވޭނީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށް ހަލީމް ވިދާޅުވިއެވެ.

ކައުންސިލްތަކުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރަންޖެހޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންދާ ކަމަށް ހަލީމް ވިދާޅުވިއެވެ.