ނިއޯނޭޓަލް (ވިހެއުމަށްފަހު އުފަންވާ ކުޑަކުދިންނަށް ދެވޭ ހާއްސަ ސިއްހީ ފަރުވާ)ގެ ހިދުމަތަށް ޒަމާނީ އާލަތްތައް ހޯދުމާއެކު އެ ދާއިރާއިން މީހުން ބިނާކުރުމަކީ މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ނިއޯކެއާ ކޮންފަރެންސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނިއުނޯނޭޓަލް ކެއާގެ ޚިދުމަތް ފެށިގެން އައިއިރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މުހިންމު ކުރިއެރުންތަކެއް މިދާއިރާއިން ހޯދާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ޑޮކްޓަރުންގެ ނިންމުންތަކާއި ނަރުހުންގެ އަޅައިލުމާއެކު ދެވޭ ހިތްވަރަކީ މައިންބަފައިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ވިދާޅުވިއެވެ.
ކޮންމެ ތަނެއްގައި އުފަންވާ ކުއްޖަކަށްވެސް އެ ކުއްޖާއަށް ބޭނުންވާ ފުރިހަމަ ސިއްހީ ހިދުމަތާއި ރައްކާތެރިކަން ލިބިދޭން ޖެހޭކަމަށް ފާހަގަކުރައްވަމުން ފަސްޓް ލޭޑީ ވިދާޅުވީ އެ ހިދުމަތްތައް ފޯރުކޮށްދެވޭނީ ސާމާނުގެ އިތުރުން ތަމްރީނު ވެފައި ތިބޭ ސިއްހީ ހިދުމަތްތެރިންވެސް ލިބިގެންކަމަށެވެ. އެހެންކަމުން އެ ދާއިރާއަށް ހާއްސަ ފެސިލިޓީއާއި ޒަމާނީ އިކުއިޕްމަންޓްތަކާއި މެޑިކަލް ޓެކްނޮލޮޖީތައް ހޯދުމަށް އިންވެސްޓްކުރަން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ހަމައެކަނި ޓެކްނޮލޮޖީން ފުރާނައެއް ސަލާމަތް ނުކުރެވޭނެ ކަމަށާއި މެޝިނަކުން ހިތުގެ ވިންދު މޮނިޓަރ ކުރެވުނު ނަމަވެސް، ހިތުގެ ތެޅުން ކިޔައިދޭން އެނގޭނީ ތަމްރީނު ލިބިފައިވާ މީހުން ތިބެގެން ކަމަށެވެ. ނިއުނޯނޭޓަލްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް ތަމްރީންތައް ބޭނުންވާކަމަށާއި ހާއްސަ ތައުލީމާއި މެންޓާޝިޕްގެ އިތުރުން ސިއްހީ ހިދުމަތްތެރިންނަށް އެކަކު އަނެކަކުގެ ކިބައިން ދަސްކުރުމުގެ ފުރުސަތުތައް ބޭނުންވާކަމަށް ވިދާޅުވިއެވެ.
މި ކޮންފަރެންސުން ލިބިދޭ ފިލާވަޅުތައް ހިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންކުރުމަށާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެ މައުލޫމާތުތައް ހިއްސާކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި އެކި ސިއްހީ މަރުކަޒުތަކުގެ ބައިވެރިން އެއްވެ ތަޖުރިބާ ހިއްސާކުރުމަކީ ދާއިރާގެ ކުރިއެރުމަށް ލިބޭ ބޮޑު ބާރަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ނިއޯކެއާގެ ހިދުމަތް ގައުމީ ފެންވަރުގައި ކުރިއަރައިދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވަމުން، ދިމާވާ ގޮންޖެހުންތައް ދެނެގަނެ ނިންމުންތައް ނިންމާއިރު ހިދުމަތްދޭ ފަރާތްތަކުން ލިއްބައިދޭ މައުލޫމާތުތަކުގެ މައްޗަށް ބެލުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ. މިއަދު އުފަންވާ ކުދިންގެ އިތުރުން މާދަމާ އުފަންވާނެ ކޮންމެ ކުއްޖަކަށްވެސް ފުރިހަމަ ފަރުވާ ކަށަވަރުކޮށްދިނުމަށް އަޒުމް ކަނޑައަޅަން ޖެހޭކަން ފާހަގަކުރެއްވިއެވެ.
ނިއޯކެއާ ކޮންފަރެންސް ފެށުމަށް ބޭއްވި މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ނިއޯކެއާ އަދި އެންއައިސީޔޫ ނިއުސް ބްލެޓިން އިފްތިތާހްކޮށްދެއްވާފައެވެ.
އަލީ ޔާމިން
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
ކޮމެންޓް