އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައިވެސް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔަކަށް ބްރައިޓަން އެންޑް ހޯވް އަލްބިއޮންގެ ޖޭމްސް މިލްނާ ވެއްޖެއެވެ.

އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި މިލްނާ ވަނީ މިހާތަނަށް 654 މެޗު ކުޅެފައެވެ. ރޭ ބްރައިޓަންއިން ބްރެންޓްފޯޑާ ދެކޮޅަށް ކުޅެ، 2-0 އިން މޮޅުވި މެޗުގައި މިލްނާ ކުޅެން ނުކުތުމާއެކު އޭނާއަށް ވަނީ ގެރެތު ބެރީގެ ރެކޯޑު މުގުރާލެވިފައެވެ.

މެޗު ފެށުމުގެ ކުރިން އެކަން އިއުލާނު ކޮށްފައިވާ އިރު، އުމުރުން 40 އަހަރުގެ މިލްނާ ދަނޑު މައްޗަށް އެރުމާއެކު ދެޓީމުގެ ސަޕޯޓަރުންވެސް ވަނީ އޭނާގެ ޝަރަފުގައި ތެދުވެ، އަތް ޖަހައިފައެވެ.

މިލްނާ 2002 ވަނަ އަހަރު ޕްރިމިއާ ލީގު ކެރިއަރު ފެށީ ލީޑްސް ޔުނައިޓެޑުންނެވެ. އޭގެފަހުން ނިއުކާސަލްއާއި އެސްޓަން ވިލާގެ އިތުރުން މެންޗެސްޓާ ސިޓީއާއި ލިވަޕޫލަށްވެސް މިލްނާ ކުޅެފައިވެއެވެ. އޭނާ ރޭ ބްރައިޓަންއަށް ކުޅުނީ، އެ ކްލަބުގެ ޖާޒީގައި ކުޅުނު 35 ވަނަ މެޗެވެ.

މިލްނާ މެޗަށްފަހު ބުނީ ބްރައިޓަންއަށް ރޭ ލިބުނީ މުހިއްމު މޮޅެއް ކަމަށާއި، އޭނާއަށް ފޯކަސް ކުރުމުގެ ބަދަލުގައި ޓީމަށް ފޯކަސް ކުރުން މުހިއްމު ކަމަށެވެ.