ފ. އަތޮޅާއި ދ. އަތޮޅުގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ އަގުތައް އާންމުކޮށްފިއެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ޒޯން 4ގެ ފ. އަދި ދ. އަތޮޅުގައި ފަށައިފައި ވަނީ މިމަހުގެ 17 ގައެވެ.

ހަ ރޫޓަކުން މި ދެ އަތޮޅުގެ ރައްޔިތުންނަށް ހިދުމަތް ލިބިގެންދާ އިރު، ދެ ރޫޓް ހިމެނެނީ ފ. އަތޮޅާއި ދ. އަތޮޅު ގުޅާލާ ދެ ރޫޓުގެ ގޮތުގައެވެ.

އެ ހިދުމަތް ދިނުމަށް ބޭނުން ކުރަނީ 48 ފަސިންޖަރުންގެ ޖާގައިގެ ފެރީތަކެވެ. އަދި އެ ފެރީތަކުގެ ހަތަރު ސީޓު (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަނީ ހާއްސަ ކޮށްފައެވެ. މިމަހުގެ 25 އިން ފެށިގެން މި ދެ އަތޮޅުގެ ފެރީތަކުގައި އަގު ނެގުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެންސްޕާގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަގެއް ނުނަގާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ފެރީތަކަކީ އޭސީކޮށްފައި އުޅަނދުތަކެއް ކަމަށާއި އެ ދުންވަން ތިބޭ ކައްޕިންނާއި ފަޅުވެރިންނަކީ އެކަމަށް ބޭނުންވާނެ ތަމްރީނު ލިބިފައި ތިބި ފަރާތްތަކެއް ކަމަށްވެސް އެމްޓީސީސީން ބުނެެއެވެ. އޭގެ އިތުރުން ވީލް ޗެއާއަށް ހާއްސަ ޖާގަ އަދި ސްޓެޗާ އަށް ހާއްސަ ޖާގަ ހުންނާނެއެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ވަނީ މި ދެ އަތޮޅުގައި ދަތުރުކުރާ ފެރގެ އަގުތަކާއި ދަތުރު ކުރާނެ ރޫޓުތައް އިއުލާނުކޮށްފައެވެ.

އެގޮތުން ފ. އަތޮޅުގެ ދަތުރުތައް ފަށާ ރަށްތަކަކީ، އެ އަތޮޅު ބިލެއްދޫ، ދަނރަބޫދޫ، ފީއަލި، މަގޫގޫ އަދި ނިލަންދޫއެވެ. މި ރޫޓުގައި އެއްކޮޅަށް ކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ 35 ރުފިޔާ އާއި 70 ރުފިޔާއާ ދެމެދުގައެވެ. މި ރޫޓުގައި ދެކޮޅަށް ކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ 65 ރުފިޔާ އާއި 130 ރުފިޔާ އާ ދެމެދުގައެވެ.

ފ. އަތޮޅު ރޫޓުތަކުގެ އަގު ލިސްޓުގެ ލިންކް:

https://gazette.gov.mv/iulaan/382051

ދ. އަތޮޅުގެ ދަތުރުތައް ފަށާ ރަށްތަކަކީ، އެ އަތޮޅު ބަނޑިދޫ، ހުޅުދެލި، ކުޑަހުވަދޫ، މާއެންބޫދޫ، މީދޫ އަދި ރިނބުދޫ އެވެ. އާރްޓީއެލްފެރީ ދ. އަތޮޅުގައި ކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ 35 ރުފިޔާ އާއި 125 ރުފިޔާއާ ދެމެދުގައެވެ. މި އަތޮޅުގައި ދެކޮޅަށް ކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ 56 ރުފިޔާ އާއި 225 ރުފިޔާ ދެެމެދުގައެވެ.

ދ. އަތޮޅު ރޫޓްތަކުގެ އަގު ލިސްޓުގެ ލިންކް:

https://gazette.gov.mv/iulaan/382052

ފ. އަތޮޅާއި ދ. އަތޮޅާ ދެމެދު، ދަތުރުތައް ފަށާ ރަށްތަކަކީ ބިލެއްދޫ، ދަނރަބޫނދޫ، ފީއަލި، މަގޫދޫ، އަދި ނިލަންދޫ އެވެ. މި ދެ އަތޮޅުގެ ދެމެދުގައި ކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ 130 ރުފިޔާއާއި 150 ރުފިޔާއާ ދޭތެރޭގައެވެ. މި ދެ އަތޮޅުގެ ދެމެދުގައި ކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ 260 ރުފިޔާ އާއި 300 ރުފިޔާ އާދެމެދުގައެވެ.

ފ. އަތޮޅާއި ދ. އަތޮޅާ ދެމެދު، ދަތުރުތައް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލުގެ ލިންކް:

https://gazette.gov.mv/iulaan/382053