ކުޑަކުއްޖަކަށް އަނިޔާކުރި މީހަކު އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިމަހުގެ 12 ވަނަ ދުވަހު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަަލަށް ލައިފައިވަނީ ވ. ރާކިދޫ، ވިލާޑިލައިޓް، އިބްރާހިމް ނާއިލެވެ.

ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބަޔާންކޮށްފައިވަނީ، ނާއިލް އިތުރު ބަޔަކާއެކު ސުނާމީ ބިނާ ސަރަހައްދުގައި އޮންނަ ހުސްބިމަކަށް ކުޑަކުއްޖަކު ގެންގޮސް، ކުއްޖާގެ ބުރަކަށީގައާއި، ގައިގެ އެކިތަންތަނުގައި ޖަހައި މަރާމާރީ ހިންގުމުގެ ސަބަބުން ކުއްޖާއަށް އަނިޔާވެފައިވާ ކަމަށެވެ. އެހެންވެ ނާއިލްގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ދައުލަތުން ވަނީ އުފުލައިފައެވެ.

ނާއިލް ވަނީ އެ ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. ޝަރީއަތުން ވަނީ އެއީ ސައްހަ އިއުތިރާފުގެ އެއްބަސްވުމެއްކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބަލައިގެންފައެވެ. އެއާއެކު، ނާއިލްގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ޝަރީއަތުން ވަނީ ކަނޑައަޅައިފައެވެ.

އިިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން ނާއިލްއަށް އަންނާނީ އެއް މަހާއި ހަމަހުގެ ޖަލު ހުކުމެކެވެ.

އެހެންވެ ޝަރީއަތުން ހުކުމްކުރީ ނާއިލް އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ.

ދައުލަތުންވަނީ ވަކި ދައުވާއެއްގެ ގޮތުގައި ނާއިލްގެ މައްޗަށް ރުހުމެއްނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާވެސް ކޮށްފައެވެ.

އެ ދައުވާ އޭނާގެ މައްޗަށްކުރީ ސުނާމީ ބިނާ ސަރަހައްދަށް ކުޑަކުއްޖަކު ގެންގޮސް، އެ ކުއްޖާއަށް އެތަނުން ނުދެވޭނެހެން ހިފަހައްޓާފައިވާތީއެވެ.

ނާއިލްވަނީ އެ ދައުވާއަށްވެސް އިއުތިރާފުވެފައެވެ.

އެހެންވެ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ހުކުމްކުރީ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ.

ނަމަވެސް މި މައްސަލައިގައި ތަހުގީގަށް ނާއިލް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ ހަ މަހާއި އެއް ދުވަހުގެ ޖަލު ހުކުމެކެވެ.