ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން، ހުޅުމާލެ ފޭސް ދޭއްގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމުކުރި އައުޓްޑޯ ޖިމް މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ.

​އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖިމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

​އެ ޖިމް ގާއިމުކޮށްފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ޖިމް ޕާކު (ޓާފް ދަނޑު ކައިރި) ގައެވެ. އެގޮތުން ކަސްރަތުކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އައުޓްޑޯ އިކުއިޕްމަންޓް އެ ޖިމުގައި ބެހެއްޓިފައި ހުންނާނެއެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫއަކީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގަންނުވައި، ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެއް ކަމަށެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެޗްޑީސީގެ އަމާޒަކީ، ސަރުކާރުގެ އެ ވައުދު ފުއްދުމަށް އެއްބާރުލުން ދިނުމާއެކު، ކުރިއަށްއޮތްތަނުގައިވެސް މުޖުތަމައުއަށް ފައިދާހުރި އަދި ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް އެފަދަ ގިނަ މަޝްރޫއުތައް ކުރިއަށްގެންދިއުން ކަމަށް އެޗްޑީސީން ބުންޏެވެ.