ރައީސް ޑރ. މުހައްމަދު މުއިއްޒު، މަސްޖިދު ޔޫސުފުލް ބަރްބަރީ (ބަރުބަރީ މިސްކިތް) ހުޅުވައިދެއްވައިފިއެވެ.

ރައީސް އެ މިސްކިތް ހުޅުވައިދެއްވީ މިއަދުގެ އަސުރުނަމާދު ވަގުތުގައެވެ.

ސަރުކާރުން، އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ޒަމާނީ ފެންވަރަށް ބަރުބަރީ މިސްކިތް ތަރައްގީކޮށްފައިވަނީ ތިން ފަންގިފިލާގެ މިސްކިތެއްގެ ގޮތުގައެވެ. އެއީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ މިސްކިތުގެ އެކި ސަރަހައްދުތައް ބަލައްވައިލައްވައިފައެވެ.

ހިލޭ އެހީގެ ދަށުން މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކޮށް ތަރައްގީކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫއުތަކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ރައީސް އޮފީހުން ބުނީ މިއަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން އެކި ރަށްރަށުގައި ބިނާކޮށްފައިވާ ބައެއް މިސްކިތްތައް މި ރޯދަމަހާ ދިމާކޮށްވެސް ހުޅުވާފައިވާ ކަމަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވަނީ މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަމީހުންނަށް ނަމާދުކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި އޭސީކުރުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން މާލޭގައި ހުރި ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި ރަމަޟާން މަސް ފެށުމުގެ ކުރިން އޭސީ ކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވެފައިވާ ގޮތަށް އެ ހަތަރު މިސްކިތް އޭސީކޮށް ނިންމައި ރެއިން ފެށިގެން ވަނީ ބޭނުންކުރަން ފަށައިފައެވެ. އެ މިސްކިތްތަކަކީ ފުރުގާން މިސްކިތް، ޖަލާލުއްދީން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ އުމަރު ބިން ހައްތާބު މިސްކިތެވެ.