މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑު (މިފްކޯ)ގެ ވޭނެއްގައި ގެންދިޔަ ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ތުހުމަތު ކުރާ ފަރާތަކާ ފޯނުން މުއާމަލާތް ކުރި މައްސަލައިގައި އެތަނުގެ މުވައްޒަފެއް ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ މިފްކޯގެ ޖޫނިއަ އެގްޒެކެޓިވް ގެ މަގާމުން، މ. ސައިލާ އިސްމާއީލް ނާތިގު، 3 ޑިސެމްބަރު 2019 ގައި ވަކިކުރި މައްސަލައެކެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި، ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، އޭނާ އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކޮށްދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދުމަށް އެދި ނާތިގުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ނާތިގު ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރީ، މިފްކޯގެ ވޭނެއްގައި ދެ މިލިއަން ރުފިޔާ ގެންދަނިކޮށް ބަޔަކު މީހުން އެ ވޭން ހުއްޓުވައި، ގަދަކަމުން ފައިސާތައް ފޭރިގަތް މައްސަލައިގައި ހިމެނޭ ފަރާތަކަށް ފޯނުން މުއާމަލާތްކޮށްފައިވާ ކަަމަށް ބެލެވިގެން، ފުލުހުން އޭނާއާ ސުވާލުކުރުމުން ކަމަށެވެ.

ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ވަޒީފާއިން ވަކިކުރި ލިއުމުގައި ވަނީ، ކުންފުނީގެ ވަޒީފާގައި އޭނާ އިތުރަށް ބަހައްޓައިފިނަމަ ކުންފުންޏަށް ގެއްލުން ލިބިދާނެކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު، ނާތިގު ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައި ނުވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ގާނޫނާހިލާފަށް ކަމަށް ކަނޑައަޅައި، ޓްރައިބިއުނަލުން މިފްކޯއަށް އަމުރުކުރީ، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ރުޖޫއަ ކުރުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މުވައްޒަފެއްކަމަށް ނުބެލުމަށެވެ.

އަދި އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން، ވަޒީފާ އަނބުރާ ރުޖޫއަކުރުމާ ހަމައަށް ވާ މުއްދަތުގައި އޭނާ ވަޒީފާގައި ދެމިހުރިނަމަ ހައްގުވާނެ މުސާރަ އާއި އިނާޔަތްތައްދީ އެކަންތައްތައް 14 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށްފަހު އެކަންކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށްވެސް އަމުރުކުރިއެވެ.

ޓްރައިބިއުނަލުން މިގޮތަށް ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ފައިސާ ފޭރިގަތުމުގެ ތުހުމަތު ކުރެވޭ ފަރާތުގެ ފޯނަށް އޭނާ ގުޅާފައިވަނީ ހާދިސާ ހިނގިތާ 16 ދުވަސްފަހުންކަން އެނގެން އޮތުމާއި، ނާތިގުއާ ތުހުމަތު ކުރެވުނު ފަރާތާ ދެމެދު ކުރެވުނު މުއާމަލާތާ ގުޅޭ އެއްވެސް ތަފްސީލެއް އެނގެން ނެތްއިރު، ހަމައެކަނި ފޯނުން ގުޅިގުޅުމެއްގެ މައްޗަށް ބިނާކޮށް، އޭނާ އެކަމުގައި ބައިވެރިވެފައިވާ ކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވަނީ މައުލޫއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށްވާތީއެވެ.

މި މައްސަލައިގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައިނުވަނީ، މައްސަލައިގައި ތުހުމުތުކުރެވޭ ކަންކަމުގައި އިތުރު އެހެން މުވައްޒަފެއްގެ ބަޔާނެއް ނަގާފައިނުވާ އިރު، ތަހުގީގު ރިޕޯޓެއް ފަދަ ލިޔުމެއްވެސް ހުށަހަޅާފައިނުވާއިރު، މައްސަލައިގެ އިދާރީ ތަހުގީގެއް ހިންގާފައިނުވުމާއި، ވަޒީފާއިން ވަކިކުރި ސަބަބެއް ބަޔާންކޮށްފައިނުވާތީ ކަމަށްވެސް ބުނެފައިވެއެވެ. އަދި ނާތިގުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިނުވުމާއި، އޭނާގެ ޖިނާއީ ކުށުގެ އެއްވެސް ރިކޯޑެއް ނެތަތީ ދެފަރާތުގެ ދެމެދު އިތުބާރު ގެއްލިފައިވާ ކަމަށް ބަލަންޖެހޭ ވަރަށް ހެކި ލިބިފައިނުވާތީ، ވަޒީފާ އަނބުރާ ރުޖޫއަ ކުރަން ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ޓްރައިބިއުނަލްގެ ނިންމުން މިފްކޯއިން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ހުކުމް ކުރީވެސް ނާތިގު ވަޒީފާއިން ވަކިކުރީ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށެވެ. އަދި ވަޒީފާ އަނބުރާ ރުޖޫއަ ކުރުމަށާއި، ވަޒީފާ އިއާދަކުރުމާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ޓްރައިބިއުނަލުން ނިންމާފައިވާ ބައި ބާތިލުކުރިއެވެ.

ނަމަވެސް އެ މައްސަލައިގެ ބަދަލުގެ ގޮތުގައި ނާތިގު ވަޒީފާއިން ވަކިކުރި އިރު، އޭނާއަށް ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުގެ ނިސްބަތުން އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ހައްގުވާ ކަަމަށް ކަނޑައަޅައި އިއްޔެއިން ފެށިގެން 14 ދުވަހުގެ ތެރޭގައި ނާތިގަށް ދައްކައި ހަލާސްކުރުމަށް ހައިކޯޓުން މިފްކޯގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.