އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުޅުމާލޭ އައުޓްލެޓް ރަސްމީކޮށް ހުޅުވައިފިއެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އައުޓްލެޓް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.
އެސްޓީއޯ އިން ބުނީ ހުޅުމާލޭގައި އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ އިރު، އެސްޓީއޯގެ ޕްރެޒެންޓެއް ހުޅުމާލޭގައި ނެތުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެއް ކަމަށެވެ. އެހެންކަމުން، ހުޅުވިގެން ދިޔަ މި އައުޓްލެޓާ އެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެސްޓީއޯ އިން ވިއްކާ މުދާތައް ފަސޭހަ ކަމާ އެކު ލިބިގެންދާނެ ކަމަށެވެ.
"އަދި ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު، ހަނޑޫ ހަކުރު އަދި ފުށުގެ އިތުރުން އަސާސި ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވިގެން ދިޔަ 23 ބާވަތް މި އައުޓްލެޓުން ލިބެން ހުންނާނެ. އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ އެއްގޮތަށް ހުޅުމާލޭ އައުޓްލެޓުން އާއްމުންނަށް ލިބިގެންދާނެ. މި ތަކެތީގެ އިތުރުން އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައް ވެސް މި އައުޓްލެޓުން ލިބެން ހުންނާނެ" ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މި އައުޓްލެޓުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ އައިޓަމްތަކެއް ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގައި އުޅޭ ވިޔަފާރި ވެރިންނަށް ހޯލްސޭލްކޮށް މިތަކެތި ދޫކުރުމުގެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި އައުޓްލެޓަކީ ރަމަޟާން މަހާ ގުޅިގެން ހުޅުވި އައުޓްލެޓެއް ކަމަށް ވިޔަސް ކުރިއަށް އޮތް ތަނުގައި ވެސް މި އައުޓްލެޓްގެ ހިދުމަތް އާންމުންނަށް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ފިހާރަ ހުންނާނީ ހުޅުމާލޭ ރީތިގަސް މަގު (ރެއިން ކޮރަލް ރެޒިޑެންސް) ގައެވެ. އެއީ ހުޅުމާލެއަށް ބްރިޖުން ފައިބައިގެން އަންނަ އިރު ހުންނަ އެސްޓާސްއާ ޖެހިގެން ސެންޓްރަލް ޕާކްއާ ދިމާލަށް ދާން އޮންނަ މަގެވެ.
ފާތިމަތު ލިއުޝާ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ