ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ޒޯން 4ގެ ފ. އަދި ދ. އަތޮޅުގައި ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އެ ހިދުމަތް ފ. އަތޮޅު އަދި ދ. އަތޮޅުގައި ފައްޓަވައިވެއްދީ އެކަމަށްޓަކައި ފ. ނިލަންދޫގައި އަދި ދ. މީދޫގައި އިއްޔެ ބޭއްވި ދެ ރަސްމިއްޔާތެއްގައި މަދަނީ އުދުހުންތަކާބެހޭ މިނިސްޓަރު މުހައްމަދު އަމީން ކަމަށެވެ.
އެ ދެ ރަސްމިއްޔާތުގައި އިންޑިޔާ ހައިކޮމިޝަނަރު ބަލަސުބްރަމަނިޔާމް ގަންދަރަން އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ދެ އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމާ އެކު އެ އަތޮޅުތަކުގައި ރައްޔިތުންނަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތައް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ހަ ރޫޓަކުން މި ދެ އަތޮޅުގެ ރައްޔިތުންނަށް ހިދުމަތް ލިބިގެންދާ އިރު، ދެ ރޫޓް ހިމެނެނީ ފ. އަތޮޅާއި ދ. އަތޮޅު ގުޅާލާ ދެ ރޫޓުގެ ގޮތުގައެވެ.
އެ ހިދުމަތް ދިނުމަށް ބޭނުން ކުރަނީ 48 ފަސިންޖަރުންގެ ޖާގައިގެ ފެރީތަކެވެ. އަދި އެ ފެރީތަކުގެ ހަތަރު ސީޓު (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަނީ ހާއްސަ ކޮށްފައެވެ.
މާދަމާއިން ފެށިގެން މިމަހުގެ 24 އަށް "އަހުލުވެރި ކަމުގެ ދަތުރު" ގެ ގޮތުގައި އެއް ހަފުތާގެ މުއްދަތަށް އާރުޓީއެލް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައި ވަނީ މުޅިން ހިލޭއެވެ. މި ދުވަސަތްކުގައި ދަތުރު ހަމަޖެއްސުމަށް ގުޅަން ހަމަޖެހުފައި ފަނީ ރަށު ކައުންސިލުތަކަށެވެ.
މިމަހުގެ 25 އިން ފެށިގެން މި ދެ އަތޮޅުގެ ފެރީތަކުގައި އަގު ނެގުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެންސްޕާގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަގެއް ނުނަގާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ފެރީތަކަކީ އޭސީކޮށްފައި އުޅަނދުތަކެއް ކަމަށާއި އެ ދުންވަން ތިބޭ ކައްޕިންނާއި ފަޅުވެރިންނަކީ އެކަމަށް ބޭނުންވާނެ ތަމްރީނު ލިބިފައި ތިބި ފަރާތްތަކެއް ކަމަށްވެސް އެމްޓީސީސީން ބުނެެއެވެ. އޭގެ އިތުރުން ވީލް ޗެއާއަށް ހާއްސަ ޖާގަ އަދި ސްޓެޗާ އަށް ހާއްސަ ޖާގަ ހުންނާނެއެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ޝެޑިއުލް އެކުންފުނީގެ ވެބްސައިޓުން އަދި އާރުޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ، އެ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު އެކުންފުނީގެ ހޮޓްލައިން ނަމްބަރު 1650 އަށް ގުލާލުމުން ލިބޭނެއެވެ.
ފާތިމަތު ލިއުޝާ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ