މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެންގުޅޭ "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް ބާޒާރަށް ނެރެ، ދައުރުކުރަން ފަށައިފިއެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ، އިގުތިސޯދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެމްއެމްއޭއަށް ލިބޭ ބާވެ ހަލާކުވެފައިވާ ނޫޓުތައް އާ ކުރުމަށް ނެރުނު ބެޗެއް ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މިމަހުގެ ދެވަނަ ދުވަހު ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި މިމަހުގެ 15 ވަނަ ދުވަހު ލިބުނު 20 ރުފިޔާގެ ނޫޓުތައް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގުތިސޯދުގެ ތެރޭގައި ނަގުދު ފައިސާ ދައުރު ކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އަލަށް ނެރުނު އެ ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ.
ސްޓޮކް މަދުވުމުން އާ ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެއް ކަމަަށް އެމްއެމްއޭއިން ބުންޏެވެ.
މި ފަހަރު ނެރުނު 20 ރުފިޔާގެ ނޫޓުގެ ފަރުމާއަށް ވަނީ މުހިންމު ބަދަލެއް ގެނެސްފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެގޮތުން 20 ރުފިޔާގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ހިމަނާފައިވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އަދި 7 ޖުލައި 2024 ގެ ތާރީހުގައި އެންމެ ފަހުން ނެރެފައިވާ 100 ރުފިޔާގެ ނޫޓާއި އެއްގޮތަށް 100 ރުފިޔާގެ އާ ޗާޕުގައި ވެސް ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ އަލަށް ނެރުނު ނޫޓުތަކާ އެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތަކަކީވެސް ސައްހަ، ބޭނުން ކުރެވޭނެ ފައިސާގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ.
އަދި އާންމުންގެ ބޭނުންތަކާއެއް ވަރަށް ފައިސާ ފޯރުކޮށްދީ، ދިވެހި ފައިސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެމްއެމްއޭއިން ދިނެވެ.
މުހައްމަދު އިޝާން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ