ހައިކޯޓުގެ އަމުރާ ގުޅިގެން އަލުން ބަލަން ފެށި، ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލައިގައި، ބާއްވާނީ އެންމެ އަޑުއެހުމެއް ކަމަށާއި އެއަށްފަހު އޮންނާނީ ގޮތެއް ކަނޑައެޅުން ކަމަށް އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލާ ފަނޑިޔާރުންގެ ބެންޗުން މިއަދު ބުނެފިއެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ދައުލަތުން ކުރިއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.
ނަމަވެސް ޔާމީން މަރާލުމުގެ ކުށް ސާބިތުވީ އިސްމާއީލް ހައިޝަމް އާއި އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
ހައިޝަމްގެ މައްޗަށް ކުށް ސާބިތުވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތުވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާކަން ސާބިތުވެގެންނެވެ. އެ ދެ މީހުންވެސް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.
ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން، އޭގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އަދި އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ވެސް އަލުން ބަލަން ހައި ކޯޓުން އެންގިއެވެ.
އެ މައްސަލަ ދަށު ކޯޓުން ބަލާއިރު ސިއްރު ހެކިވެރިއެއްގެ ހެކިބަހާ މެދު އަލުން ގޮތެއް ނިންމުމަށް ހުކުމުގައި އެންގިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމަކީ ހައިކޯޓުގެ އަމުރާ ގުޅިގެން ބޭއްވި އަޑުއެހުމެކެވެ.
ނަމަވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުންނާއި ދިފާއުން ވެސް ބުނީ ތައްޔާރުވާން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
ދައުލަތުގެ ވަކީލު، ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ މަރިޔަމް ޝަހުމާ ވިދާޅުވީ، މައްސަލައަށް ޖަވާބުދާރީ ވެވޭނީ، ހައިކޯޓުގެ ގަޒިއްޔާގެ އިރުޝާރުގައިވާ ފުރަތަމަ ކަންތައް ފުރިހަމަވުމުން ކަމަށެވެ.
ދިފާއީ ވަކީލު ވިދާޅުވީ، އެ މައްސަލައަށް ވާހަކަދައްކަން މިއަދު ތައްޔާރު ނޫން ކަމަށެވެ. އެއީ މައްސަލައިގައި އެ މީހުންނާ މަޝްވަރާކުރުމަށް ވަގުތު ލިބިފައިނުވާތީ، އެކަމަށް ފުރުސަތު ހޯދުމަށް ކަމަށެވެ.
އެހެންކަމުން ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމީ މިމަހު 26 ގައި އިތުރު އަޑުއެހުމެއް ބޭއްވުމަށެވެ.
އެއަށްފަހު މައްސަލައިގައި ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ރިޔާސަތުގައި އިންނެވި ގާޒީ އިބްރާހިމް އިހުސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މައްސަލައިގައި ހައި ކޯޓުން ދީފައިވާ އިރުޝާދު ވަރަށް ސާފު ކަމަށާއި އެކަމަށް ގޮތެއް ނިންމަން ބައިވަރު އަޑުއެހުންތަކެއް ބޭނުންވާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް