ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ކުޅޭ ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ފައިނަލްގެ ދެވަނަ ޖާގަ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ހޯދައިފިއެވެ.

ޑައިމަންޑް ޖުބިލީ މުބަރާތުގައި ވާދަކުރަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ، ހުޅުމާލެ) އާއި ސީއެޗްއެސްސީ މާލޭގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.

ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ސީއެޗްއެސްއީ މާލޭން ކުރިން ފައިނަލް ޔަގީން ކޮށްފައިވާ އިރު، ސީއެޗްއެސްއީ މާލޭން ކުޅުނު ފަހު މެޗުގައި، އަހުމަދިއްޔާ އަތުން މޮޅުވީ 3-0 އިންނެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ވިލާ އިންޓަނޭޝަނަލް ހައިއިން ވަނީ 4-1 އިން ސީއެޗްއެސްއީ ހުޅުމާލެ ބަލިކޮށްފައެވެ.

އެއްވަނައިގައި އޮތް ސީއެޗްއެސްއީ މާލެ އަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނަ ހޯދި އަހުމަދިއްޔާ އާއި ތިން ވަނަ ލިބުނު ވިލާ އަށް ހަތަރު ޕޮއިންޓް ލިބިފައިވެއެވެ. އަހުމަދިއްޔާއިން ފައިނަލަށް ދިޔައީ ފައިދާ ގޯލެއްގެ ފަރަގުންނެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ވިލާގެ ގޯލްތައް ޖެހީ މުހައްމަދު ޒީކް އަހުމަދު، ކާއިން އަބްދުﷲ ފާއިޒް، އަހުމަދު ލައިތު އައްބާސް އަދި ލޫތު އިޒް އާން ބިން އަހުމަދެވެ. އަދި، ސީއެޗްއެސްއީ ހުޅުމާލޭން ޖެހި ގޯލަކީ ވިލާގެ މުހައްމަދު ލާމިހު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އަހުމަދިއްޔާ ކޮޅަށް ސީއެޗްއެސްއީ މާލޭގެ ގޯލްތައް ޖެހީ މުހައްމަދު އަޔާން ޝާޒް، އައިދަން އަހުމަދު މޫސާ އެވެ. އަނެއް ގޯލަކީ އިބްރާހިމް އަވްސަމް އަބްދުﷲ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރުއެވެ.