ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކ. ކާށިދޫން ނެގީ އެންމެން ހައިރާން ކޮށްލައިފައެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ފެށިގެން ދިޔަ އިރު، ކާށިދޫއަކީ ފައިނަލް ކުޅޭނެ ޓީމެކޭ ބުނި މީހަކު މަދުވާނެއެވެ. ހަމަ ޔަގީނުން ވެސް ފެވަރިޓެއް ގޮތުގައެއް ނުގުނާނެއެވެ. އެކަން އެހެން އޮތް އޮތުމަށް ނިމުން ގެނެސްދިން "މާސްޓާ މައިންޑް" އަކީ ކޯޗު، އަލީ ހައިސަމް (ޗުމްޕު)އެވެ.

"ހައިރާންކަމާއި ޖަޒުބާތުގެ އިތުރުން ރަށު ރޫހު،" ފުރިހަމައަށް ފެނިގެން ދިޔަ ކާށިދޫގެ ޖާދުވީ ދަތުރުގައި މިދިޔަ އަހަރު ފެނިގެން ދިޔަ ޗުމްޕު، މިހާރު ހުރީ އަނެއްކާވެސް ބޫޓަށް އަރައިގެން ދަނޑުމަތީގައެވެ. އާދައިގެ ހިސާބެއްގައެއްވެސް ނޫނެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިން ޓީމުގައި ހިމެނުމަށްފަހު، ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލާ ހަމައަށްވެސް ގޮސްގެންނެވެ. ޗުމްޕުއާއެކު ގއ. ދެއްވަދޫން އެ ރަށުގެ ފުރަތަމަ ގޯލްޑަން ފައިނަލަށް ނުކުންނާނީ މިދިޔަ އަހަރު ޗުމްޕު ކޯޗެއްގެ ގޮތުގައި ބަލިކުރި ނައިވާދުއާ ދެކޮޅަށެވެ.

ޗުމްޕު ކޯޗެއްގެ ގޮތުގައި ތަށި އުފުލައިލަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

"މި މުބާރާތުގެ ފައިނަލަށް ދިޔުމަކީ ވަރަށް އުނދަގުލުން ކުރެވޭނެ ކަމެއް. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ވަރަށް އުފާވޭ، މިހާ ބޮޑު މުބާރާތެއްގެ ފައިނަލަށް ކޯޗެއްގެ ގޮތުން ނޫނީ ކުޅުންތެެރިއެއްގެ ގޮތުންވެސް ދަތުރުކުރެވުން. އިރާދަކުރެއްވިޔާ، މި ޓީމުގައި މިތިބީ ވަރަށް އެކްސްޕީރިއަންސް ކުޅުންތެރިންތަކެއް. އެހެންވީމަ ބަލިކުރެވޭނެ ކަމަށް ބަލައިގެން ފައިނަލަށް ނުކުންނާނީ. އަސްލު ކޯޗަކުން އަނެއްކާވެސް ކުޅުންތެރިއަކަށް މި ބަދަލުވީ ހަމަ އަނެއްކާވެސް ހިތަށް އެރީ އަދި ހުއްޓާލާކަށް ނުވެއޭ. އެހެންވެ،" ކުރިން ބ. ހިތާދުއާއެކު ތަށި ހޯދާފައިވާ ޗުމްޕު ސެމީ ފައިނަލް މެޗަށްފަހު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ޗުމްޕުއަކީ ދެއްވަދޫގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާވެސް މެއެވެ. އޭނާއަކީ ސެމީ ފައިނަލް މެޗުގައި ވިލިމާލެ ބަލިކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ކުޅުންތެރިޔާއެވެ. ޗުމްޕު އަދިވެސް ގަބޫލުކުރަނީ ކާށިދޫގެ ތަށްޓަށްވެސް ގަބޫލުކުރި ފިލޯސަފީއެވެ. އެއީ އޭނާގެ ސީކްރެޓް ރެސިޕީއެވެ. އެއީ މަސައްކަތު ރޭޓެވެ.

"މިކަހަލަ މުބާރާތެއްގެ ފައިނަލަށް ނުކުންނަ އިރު، އިދިކޮޅަށް މި ނުކުންނަނީވެސް ތަފާތު ވަރުގަދަ ޓީމެއް. އެހެންވީމަ ތަފާތަކަށް މި އަންނަނީ ވޯކް ރޭޓް. އެހެންވީމަ ބޮޑަށް ހުރިހާ ކުޅުންތެރިންނަށްވެސް މި ވިސްނައިދެނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަން،" ޗުމްޕު ބުންޏެވެ.

ޗުމްޕު ބުނީ ނައިވާދުއަކީ މިފަހަކަށް އައިސް ގޯލްޑަން ފުޓްސަލް ޗެލެންޖުން ފެނުނި އެންމެ މަސައްކަތު ރޭޓް ރަނގަޅު، އެންމެ ކޮލިޓީ އެއް ޓީމު ކަމަށާއި، އެ ޓީމު ފައިނަލުގައި ބަލިކުރަން ބުރަ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށެވެ.

ގައުމީ ޓީމާއެކު ކުރި މަސައްކަތުގެ ނަތީޖާ އެބަފެނޭ

27 ޖެނުއަރީ 2026، މާލެ، ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، އުފާފާޅުކުރުމުގެ ތެރެއިން ޗުމްޕު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ރާއްޖޭން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ނެގުމަށް ކުރި މަސައްކަތުގައި އުޒްބަކިސްތާނުގެ ކޯޗު ފާރޫކް ޒަކީރޯވްއާއެކު މަސައްކަތްތަކެއް ކޮށްފައިވާ އިރު، މުބާރާތް ރާއްޖޭން ނެގީ ސަރަހައްދީ ހުރިހާ ގައުމެއް ބަލިކޮށްފައެވެ. އެޓީމުން ވަނީ ޗައިނާގައި 10 ދުވަހުގެ ކޭމްޕެއްވެސް ކޮށްފައެވެ. އެ ކުޅުންތެރިން ސަރަހައްދީ ރަން މެޑަލްއާއެކު އެނބުރި ރަށު ޓީމުތަކާ ގުޅުނީ ޒޯން ބުރުންނެވެ. އޭގެފަހުން މިހާތަނަށް ގައުމީ ޓީމަށް ދިޔަ ކުޅުންތެރިންގެ ތަފާތު ކުޅުން ފެނިގެން ގޮސްފައިވެއެވެ.

"ވަރަށް ބޮޑަށް އެބަފެނޭ ގައުމީ ޓީމާއެކު ކުރެވުނު މަސައްކަތުގެ ކުރިއެރުން. އެއީ މި ޓީމުގެ އިތުރުން އެހެން ޓީމުތަކުންވެސް ވަރަށް ބޮޑަށް ފެނިގެން އެބަދޭ އެ ތަފާތު. އޭގެ ކުރިއެރުންތައް ހުރިހާ ޓީމަކުންވެސް އެބަ ފެނިގެންދޭ،" ޗުމްޕު ފާހަގަކުރިއެވެ.

ޗުމްޕުއަށް މާދަމާ ރޭ އޮންނަ ގޯލްޑަންގެ ފައިނަލް ހާއްސައެވެ. އެއީ ކޯޗެއްގެ ގޮތުގައި މުބާރާތް ނަގައި، ކުޅުންތެރިއެއްގެ ގޮތުގައި އެކަން ހާސިލުކުރުމަކީ ލިބޭނެ ބޮޑު ޝަރަފަކަށްވާނެތީއެވެ.