މާދަމާ ސައުދީ އަރަބިއްޔާގެ ހުރިހާ ސަރަހައްދެއްގައި އިސްތިސްގާ ނަމާދު ކުރުމަށް އެ ގައުމުގެ ރައްޔިތުންނަށް، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ގޮވާލައްވައިފިއެވެ.

ރަސްގެފާނުގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ، ތައުބާވެ އިސްތިއުފާރުކުރުން ގިނަކުރުމަށާއި އިހުސާންތެރިވުމަށާއި ސުންނަތް ނަމާދުތަކާއި ހެޔޮކަންކަން ކުރުން އިތުރުކުރުމަށްވެސް ރައްޔިތުންނަށް ރަސްގެފާނު އިލްތިމާސްކުރައްވާ ކަމަށެވެ.

އިސްތިސްގާ ނަމާދަކީ، ވާރޭ ނުވެހި ގިނަދުވަސްވެ، ހަނަފަސްކަން ބޮޑުވުމުން، އެ ހާލަތުން މިންޖުކޮށްދެއްވައި ވާރޭ ވެއްސަވައިދެއްވުން އެދި ބޮޑު ޖަމާއަތުގައި ކުރާ ސުންނަތް ނަމާދެކެވެ.

ރާއްޖޭގައިވެސް މީގެ ކުރިން އިސްތިސްގާ ނަމާދުކޮށްފައި އެބަހުއްޓެވެ.