މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 21 ގައެވެ.
އެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް އެއްކޮށް ނިންމާލައި، މިދިޔަ އަހަރުގެ ޑިސެމްބަރު 8 ގައި ވަނީ އާންމުންނަށް އެ މަގު ހުޅުވާލައިފައެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރިއަށްގެންދާ އިރު، ތާރު އެޅުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.
އެމްޓީސީސީން ބުނެފައިވާގޮތުގައި އެ މަޝްރޫއުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް މަގުތައް ފަހިކޮށްދީ، މާލޭގައި ހިނގާބިނގާވެ އުޅޭ މަގުތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
އެ މަގުތައް ފުޅާކުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހުން ކުޑަވެ، ބޯކޮށް ވާރޭ ވެހޭ ވަގުތުތަކުގައި ފެންބޮޑުވުން ކުޑަވެ، މަގު ބޭނުންކުރާ މީހުންނަށް ރައްކާތެރި އަދި ރައްކާތެރި އިންފްރާސްޓްރަކްޗާއެއް ގާއިމުކުރެވިގެންދާނެ އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުން، 830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް)، ދުވާރުތައް ހެދުމާއި އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުން، ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން ހިމެނެއެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޗައިނާއިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.
ފާތިމަތު ލިއުޝާ
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު