ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ކުޅޭ ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ސީއެޗްއެސްސީ މާލޭން ހޯދައިފިއެވެ.

ޑައިމަންޑް ޖުބިލީ މުބަރާތުގައި ވާދަކުރާނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ، ހުޅުމާލެ) އާއި ސީއެޗްއެސްސީ މާލޭގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.

ރެއާއި އިއްޔެ މުބާރާތުގެ މެޗުތައް އޮތް އިރު، އޭގެ ކުރިން ފުރަތަމަ ކުޅުނު މެޗުތަކަށް ބަލާއިރު، އަހުމަދިއްޔާ އިން ވަނީ 6-0 އިން ސީއެޗްއެސްއީ ހުޅުމާލެގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި، ސީއެޗްއެސްއީ މާލޭން މުބާރާތް ފެށީ ވިލާ އަތުން 2-1 އިން މޮޅުވެގެންނެވެ.

ސީއެޗްއެސްއީ މާލޭން ދެ ވަނަ މެޗުގައި ރޭ ސީއެޗްއެސްއީ ހުޅުމާލެއާ ކުޅެގެން މޮޅުވީ، 7-1 އިންނެވެ. މެޗުގައި ސީއެެޗްއެސްއީ މާލޭގެ މުހައްމަދު އާޔަން ޝާޒާއި އަހުމަދު މިކްޔާލް މުއީން (މިކީ)، ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖެހި އިރު، އަނެއް ގޯލްތައް ޖެހީ ނާސިހު އަހުމަދު ޝިހާމް، މުހައްމަދު ސައިމް އިބްރާހިމް ފާއިޒް އަދި އިސްމާއިލް ޝާމިލެވެ.

ސީއެޗްއެސްއީ ހުޅުމާލޭގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ އަހުމަދު އާއިޝްއެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވަނީ 1-1 އިން ވިލާ އިންޓަނޭޝަނަލް ހައިއާ އެއްވަރުވެފައެވެ. މެޗުގައި އަހުމަދު ލައިތު އައްބާސް ވިލާއަށް ލީޑު ނަގައިދިން އިރު، އަހުމަދިއްޔާއަށް މެޗުގެ ފަހު ވަގުތު އެއްވަރުކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހިމް އަވްސަމް އަބްދުﷲއެވެ.