މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާއާ ދެކޮޅަށް ކުޅެން ޕާކިސްތާން ޓީމަށް ސަރުކާރުން ރުހުން ދީފައިވާ ކަމަށް މީޑިއާތައް ބުނެފިއެވެ.

މިފަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ބާއްވަމުން ދަނީ އިންޑިއާ އަދި ސްރީ ލަންކާގައެވެ. މުބާރާތުގެ ކުރިން ޕާކިސްތާނުން އެދިފައިވަނީ އިންޑިއާގައި ކުޅެން އޮތް މެޗުތައް ސްރީ ލަންކާއަށް ބަދަލުކޮށްދޭށެވެ. އެކަމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އިން ރުހުން ދީފައެެއްވެއެވެ. ދެން ވޯލްޑް ކަޕްގެ ކުރިން ޖެހުނު މައްސަލައަކީ ބަންގްލަދޭޝްއިން އިންޑިއާގައި ކުޅެން ދެކޮޅު ހެދި މައްސަލައެވެ.

ކްރިކެޓް ވޯލްޑް ކަޕުގައި ބަންގުލަދޭޝްއިން ކުޅެން އޮތް މެޗުތައް، ސްރީ ލަންކާއަށް ބަދަލުކޮށްދޭން ބަންގުލަދޭޝްއިން އެދުނީ އިންޑިއާއާއި އެގައުމާ ދެމެދު ގުޅުން ގޯސްވުމުންނެވެ. އެ ގުޅުން ގޯސްވެފައި ވަނީ ސިޔާސީ ވާދަވެރިކަމުގެ ސަބަބުންނެވެ. އެ ވާދަވެރިކަމުގެ ތެރެއިން ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ކުރިއަށް އޮތް ސީޒަނުން ބަންގްލަދޭޝްގެ މުސްތަފިޒުރް ރަހްމާން ބޭރުކުރަން އިންޑިއާގެ ކްރިކެޓް ބޯޑުން ވަނީ އަންގައިފައެވެ.

އެ އެންގުމާއެކު ބަންގްލަދޭޝްއިން އިންޑިއާގައި ކުޅެން ދެކޮޅު ހަދައި، ކްރިކެޓް ވޯލްޑް ކަޕަށް ނުދާން ނިންމިއެވެ. އެ ޖާގަ މިހާރު ދީފައި ވަނީ ސްކޮޓްލޭންޑަށެވެ.

އެގޮތަށް އެކަން ހިނގުމާއެކު، ބަންގްލަދޭޝް ޓީމުގެ ފަހަތުގައި ތިބިކަން ދައްކަން އިންޑިއާއާ ދެކޮޅަށް ކުޅެން އޮތް މެޗު ބޮއިކޮޓް ކުރުމަށް ޕާކިސްތާން ޓީމަށް، އެގައުމުގެ ސަރުކާރުން ވަނީ އަންގައިފައެވެ.

އިއްޔެއާ ޖެހެންދެން ޕާކިސްތާން ޓީމުން ތިބީ އެމެޗު ނުކުޅޭ ގޮތަށް ނަމަވެސް، މިހާރު ސަރުކާރުން ވަނީ އެމެޗު ސްރީ ލަންކާގައި ކުޅުމަށް ހުއްދައެއް ދީފައެވެ.

ޕާކިސްތާނާއި އިންޑިއާއަކީ ހަނގުރާމައިގެ ވާދަވެރިކަމެއްގެ ތެރޭގައި އޮތް ދެގައުމަށްވީ އިރު، އެންމެފަހުން ދެގައުމު ކުޅުނީ މިދިޔަ އަހަރު އޭޝިއާ ކަޕްގައެވެ. އެފަހަރު އިންޑިއާ ކުޅުންތެރިން ވަނީ ޕާކިސްތާން ކުޅުންތެރިންނާ ސަލާންކުރަން ދެކޮޅު ހަދައި، އިހުތިރާމް ކުޑަކޮށްފައެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އިންޑިއާއާއި ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުވެސް ކާމިޔާބު ކޮށްފައިވާ އިރު، އެ ދެގައުމުގެ ކުރިމަތިލުން ކޮލަމްބޯގައި އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.