މިއަދު ހެނދުނަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ޖަލްސާ މަދަމާއަށް ފަސްކޮށްފިއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައެވެ.

އެ ޖަލްސާ ނިންމަވައިލައްވަމުން، މިއަދު މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަމްދުﷲ އިއުލާންކުރެއްވިއެވެ.

ނަމަވެސް މިއަދު ބާއްވަން އޮތް ޖަލްސާގެ އެޖެންޑާ އާންމުކުރީ އިއްޔެ އިރުއޮއްސުނު ފަހުންނެވެ.

އެއަށްފަހު މިއަދު ބާއްވަން އޮތް މަޖިލިސް ޖަލްސާ މާދަމާއަށް ފަސްކޮށްފައިވާ ކަމަށްބުނެ ރޭ 11:15 ހާއިރު ވަނީ މެންބަރުންނަށް އަންގައިފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ މީޑިއާ އޮފިޝަލަށް "ވަން" އިން ގުޅި ނަމަވެސް ފޯނު ނުނަންގަވާތީ ޖަލްސާ ފަސްކުރި ސަބަބެއް ނޭނގުނެވެ. އަދި މިއަދުގެ ޖަލްސާ ފަސްކުރި ސަބަބެއް މަޖިލިސް އިދާރާއިންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެންމެ ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި އޮތީ، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.

ދެން އޮތީ ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން ރިޕަބްލިކް އޮފް ސާބިޔާއަށާއި މޯލްޓާއަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިިޑެންޑް ސަފީރު ހަމަޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.

އެއަށްފަހު އޮތީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ފަރުހަތު މުހައްމަދު މަޖިލީހަށް ހުށަހަޅުއްވާ ވަތަނީ ހިދުމަތުގެ ބިލުގެ ތައާރަފުކުރުމެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ވަނީ، ދައުލަތުގެ ޔުނީފޯމް އެޅި ހިދުމަތްތަކަށް ހާއްސަކޮށް، އަދި އެނޫންވެސް މަސައްކަތުގެ އެކި ދާއިރާތަކުގައި ހިދުމަތްކުރަން އެދޭ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދީ، ޒުވާނުން ބާރުވެރިކުރުވައި ގައުމަށާއި މުޖުތަމައަށް ފައިދާހުރި ޒުވާން ޖީލެއް ބިނާކުރުމުގެ ގޮތުން މަސައްކަތުގެ ދާއިރާތަކުގައި ހިދުމަތްކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށްޓަކައި ވަތަނީ ހިދުމަތުގެ ޕްރޮގްރާމެއް ތައާރަފުކޮށް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އެ ޕްރޮގްރާމް ހިންގުން ކަމަށެވެ.

އަދި އެ ޕްރޮގްރާމްގެ މައިގަނޑު އަސާސްތައް ކަނޑައަޅައި ޕްރޮގްރާމްގައި ބައިވެރިވުމާއި ޕްރޮގްރާމްގެ ދަށުން ތައުލީމާއި ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ލިބިގެންދާނެ ފުރުސަތުތައް ބަޔާންކޮށް އެނޫންވެސް ޕްރޮގްރާމު ހިންގައި ތަންފީޒުކުރުމުގެ ހަމަތައް ބަޔާންކުރުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި، ވަތަނީ ހިދުމަތަށް ގާނޫނީ ބާރު ދިނުމުގެ ގޮތުން ހުށަހަޅާ ބިލެކެވެ.