އެކިއެކި ސަބަބުތަކާ ހުރެ ދިގުލައިގެން ގޮސް އަހަރަކަށްވުރެ ގިނަ ދުވަސްވީ 13،032 މައްސަލަ މިދިޔަ އަހަރު ނިމުނު އިރު ކޯޓުތަކުގައި ބެކްލޮގްގެ ގޮތުގައި އެބަ އޮތް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
"ގަޟާއީ އަހަރު 2026" އިފްތިތާހް ކުރުމަށް މިރޭ ސީއެޗްއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިހާރު އެންމެ އިސްކަމެއްދީގެން ކުރަން ބޭނުންވާ އެއް ކަމަކީ އެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމައި އިންސާފް ގާއިމްކުރުން ކަމަށެވެ.
"2026 ވަނަ އަހަރު ޝަރުއީ ދާއިރާއިން ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ އިންސާފު ލަސްވެފައިވާ މައްސަލަތަކަށް ހާއްސަ މަސައްކަތްތަކެއްކޮށް އަވަސްކަމާ އެކު އެ މައްސަލަތަކުގައި އިންސާފް ގާއިމްކުރުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލަތައް ނިންމަން މަސައްކަތް ކުރާނީ މި އަހަރު އަލަށް ރަޖިސްޓްރީ ކުރާނެ ކަމަށް ލަފާކުރެވޭ 21،000 މައްސަލަ ކުރިއަށް ގެންދަން ދަތިނުވާނޭ ގޮތަކަށް ކަމަށެވެ.
އެގޮތުން ބެކްލޮގްގައި ހުރި މައްސަލަތައް ވިލަރެސް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް މި މަހު 10ގައި އެކުލަވާލާނެ ކަމަށެވެ.
"އެ ޓާސްކްފޯހުގެ ފަރާތުން މީގެތެރެއިން ކޮންމެ މައްސަލައެއް ނުނިމި އޮތް ސަބަބު ސީދާ އެ މައްސަލަ ހަވާލުކުރެވިފައިވާ މެޖިސްޓްރޭޓް/ގާޒީ/ ފަނޑިޔާރުގެ ގާތުގައި އަހައި އޮޅުންފިލުވުމަށްފަހު ނުނިމި އޮތް ސީދާ ސަބަބު ރަނގަޅަށް ސާފުކޮށް އެ މައްސަލަ ކުރިއަށް ގެންދިއުމުގައި މަގުފަހިކޮށްދެވޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެ މައްސަލަތައް ނުނިމި ލަސްވުމުގައި ދައުލަތުގެ އިދާރާއެއްގެ ފަރާތުން ލިބެންޖެހޭ އެހީތެރިކަމެއް ނުލިބިފައިވާ ނަމަ، އެ އިދާރާއަކާ މަޝްވަރާ ކޮށްގެން މަސައްކަތް ކުރާނެ ކަމަށެވެ.
"އަދި މިކަމަށްޓަކައި އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއް، އަޅާ ކޮންމެ ފިޔަވަޅެއް، ފޮނުވާ ކޮންމެ އީމެއިލެއް، ކުރާ ކޮންމެ ފޯނު ކޯލެއް، ވަކިވަކިން ލޮގުކުރެވި ރަނގަޅަށް ބެލެހެއްޓިގެންދާނެ،"
އަދި މި މަސައްކަތުގެ ތެރެއިން، އިޖުތިމާއީ ކަންބޮޑުވުމެއްގެ ގޮތުގައި އޮތް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަތަކަށް ވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުތައް ހަރުދަނާކަމާ އެކު ހިނގާ ކަމަށް ގަބޫލު ކުރެވޭނީ ލަސްވުމެއްނެތި އިންސާފު ގާއިމްވެގެންދާ ތަން ފެނިގެން ކަމަށެވެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުންކަން އެންމެން ވެސް ގަބޫލު ކުރާ ކަމަށެވެ.
އަދި އަމިއްލަ ބާރު ނުފޯރާ ސަބަބުތައް ވެސް ހިމެނޭހެން އެކިއެކި ސަބަބުތަކާ ހުރެ ދިގު މުއްތަކަށް ދިގުލައިގެން ގޮސް ނުނިމި ހުރި ގިނަ މަސައްލަތަކެއް ކޯޓުގައި ހުރުމަކީ ހިތާމައެއް ކަމަށެވެ.
އާއިޝަތު މާހާ
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް