ރާއްޖޭގެ ޝަރުއީ ދާއިރާއަށް ހިދުމަތްކުރެއްވުމަށްފަހު ރިޓަޔާކުރައްވާފައިވާ ފަސް ފަނޑިޔާރުން މިރޭ ތަކްރީމް ކުރައްވައިފިއެވެ.

އެ ފަނޑިޔާރުން ތަކްރީމް ކުރައްވާފައިވަނީ، "ގަޟާއީ އަހަރު 2026" އިފްތިތާހު ކުރުމަށް މިރޭ ސީއެޗްއެސްސީގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެކި ކޯޓުތަކުގެ ފަނޑިޔާރުން އަދި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ތަކްރީމް ކުރެވުނު ފަނޑިޔާރުންނަށް ވަނީ ސުޕްރީމް ކޯޓުގެ ސިއްކަ ޖަހާފައިވާ ފަތްކޮޅާއި ޝަރަފުގެ މެޑަލް އަރުވައިފައެވެ. ފަތްކޮޅާއި ޝަރަފުގެ މެޑަލް، ފަނޑިޔާރުންނަށް އަރުވާފައިވަނީ އުއްތަމަ އުއްތަމަ ފަނޑިޔާރަކީ އަބްދުލްގަނީ މުހައްމަދުއެވެ.

މިރޭ ތަކްރީމް ކުރެވުނު ފަނޑިޔާރުންނަކީ:

  • ނިޝާން އިއްޒުއްދީންގެ ވެރިޔާ ޗީފް ޖަސްޓިސް ރިޓަޔާޑް އަލްއުސްތާޒް އަބްދުލް މުއުތަސިމް އަދްނާން - ރިޓަޔާކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު- ރިޓަޔާވި އިރު ހުންނެވީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި. 9 އަހަރާއި 7 މަހާއި 12 ދުވަހު ފަނޑިޔާރުކަން ކުރައްވާފައިވޭ.
  • އަލް އުސްތާޒް މުހައްމަދު ނިޔާޒް - ރިޓަޔާކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު - ރިޓަޔާވި އިރު ހުންނެވީ ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި. 19 އަހަރާއި 1 މަހާއި 18 ދުވަހު ފަނޑިޔާރުކަން ކުރައްވާފައިވޭ
  • އަލް އުސްތާޒް އިބްރާހީމް ޝަކީބް. ރިޓަޔާ ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި - ރިޓަޔާވި އިރު ހުންނެވީ ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި. 11 އަަހަރު ފަނޑިޔާރުކަން ކުރައްވާފައިވޭ
  • އަލް އުސްތާޒް އަހްމަދު މުސްތަފާ. ރިޓަޔާކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު - ރިޓަޔާވީ އިރު ހުންނެވީ ފެމެލީ ކޯޓުގެ ގާޒީ ކަމުގައި. 20 އަހަރާއި 15 ދުވަހު ފަނޑިޔާރުކަން ކުރައްވާފައިވޭ.
  • އަލް އުސްތާޒް އަލީ އަހްމަދު. ރިޓަޔާ ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު - ރިޓަޔާވިރު ހުންނެވީ ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި. 28 އަހަރާއި 7 މަހާއި 12 ދުވަހު ފަނޑިޔާރުކަން ކުރައްވާފައިވޭ

ތަކްރީމް ކުރުމަކީ ޝަރުއީ ދާއިރާއަށް ހިދުމަތް ކޮށްދެއްވާފައިވާ ފަނޑިޔާރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ޝަރަފެއް އެރުވުމެވެ.